19 Dec 2016, 08:39
ހދ. ކުޅުދުއްފުއްޓާއި އިތުރު ހަތަރު ރަށެއްގައި ރީޖަނަލް އެއާޕޯޓު އެޅުމުގެ މަސައްކަތް ކޮށްދިނުމަށް އެމްޓީސީސީއިން ސަރުކާރަށް ހުށަހަޅައިފިއެވެ.
އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް އެމްޓީސީސީއިން ހުށަހަޅާފައިވާ ފަސް ރަށަކީ:
ހދ. ކުޅުދުއްފުށި
- ށ. ފުނަދޫ
- ރ. ފައިނު
- ޅ. ފެލިވަރު
- ގދ. ފަރެސްމާތޮޑާ
އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު "ސަން" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި އިއްޔެ ވިދާޅުވީ، ފަސް ރަށެއްގައި ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރުމަށް ސަރުކާރަށް ހުށަހަޅާފައިވާނެ ކަމަށެވެ.
"މިހާރު އިންނާނެ ސަރުކާރަށް ފަސް ޕްރޮޖެކްޓެއްގެ ޕްރޮޕޯޒަލް ލާފައި. އެއީ ހަމަ ޑްރެޖިންގްއާ އެކީގައި، އެއާޕޯޓު އެއްކޮށް ހަދާ ނިންމުމަށް،" އޭނާ ވިދާޅުވިއެވެ.
ޒިޔަތު ވިދާޅުވީ، އެމްޓީސީސީއިން މި މަޝްރޫއުތައް ހިންގުމުގެ ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، އެކަމާ ބެހޭ ޖަވާބެއް އަދި ސަރުކާރުގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ.
އެމްޓީސީސީން އެއާޕޯޓު އެޅުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަސް ރަށުގެ ތެރެއިން ތިން ރަށެއްގައި އެއާޕޯޓު ޑިވެލޮޕްމެންޓަށް، 2017 ވަނަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވެއެވެ.
އެއީ ހދ. ކުޅުދުއްފުށީގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 157 މިލިޔަން ރުފިޔާ، ށ. ފުނަދޫގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 150 މިލިޔަން ރުފިޔާ އަދި ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާ އެކު އެއާޕޯޓު އެޅުމަށް 147 މިލިޔަން ރުފިޔާއެވެ.
މިއަހަރުގެ ތެރޭގައި ހދ. ހިރިމަރަދުއަށް ކުރެއްވި ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމުގެ ވާހަކަ މީގެ ކުރިން ދެކެވުނު ނަމަވެސް، އޭރު އެކަން ނުކުރެވި ދިޔައީ ކުޅުދުއްފުށީގެ އޭރުގެ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުލިބުމުގެ ސަބަބުން ކަމަށެވެ.
"ލައްކަ އިންތިޒާރު ކުރެވިއްޖެ. ނަމަވެސް މިކަންކަން އަދިވެސް ފުރިހަމަ ނުވެ ދާތީއާ އެކު އަޅުގަނޑުމެން ނިންމާފައި މިވަނީ، އަންނަ އަހަރު ކުޅުދުއްފުށީ އެއާޕޯޓުގެ މަސައްކަތް ފަށާނަން، ހަމަ އެއާ އެކު ކުޅުދުއްފުށީ އެއާޕޯޓުގެ ޚިދުމަތް ވެސް ދޭން ފަށާނެ،" ރައީސް ވިދާޅުވެފައިވެއެވެ.
ކުޅުދުއްފުށީގައި އެއާޕޯޓު އަޅާއިރު، ކުޅުދުއްފުއްޓާ 18 ކިލޯމީޓަރު ދުރުގައި އޮންނަ ހދ. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮވެއެވެ.
ޓޫއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެފައިވެސް، ލޯންޗެއްގައި ކަނޑުމަގުން 30 މިނިޓު ދަތުރުކޮށްގެން ފޯރާނެހާ ކައިރީގައި، 1.2 ކިލޯމީޓަރު ދިގުމިނުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
މިވަގުތު ރާއްޖޭގައި ތިން އިންޓަނޭޝަނަލް އެއާޕޯޓާއި އަށް ޑޮމެސްޓިކް އެއާޕޯޓު އޮވެއެވެ. އަދި ދ. ކުޑަހުވަދޫގައިވެސް އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް މިވަގުތު ކުރިޔަށް ދެއެވެ.