އިނގިރޭސި ޕްރިމިއާ ލީގުގައި ފަހަތުން އަރާ އާސެނަލް ބަލިކޮށް، މެންޗެސްޓާ ސިޓީ ތާވަލުގެ ދެވަ ނައަށް ޖެހިލައިފި އެވެ.

އަމިއްލަ ދަނޑުގައި މިރޭ ކުޅުނު އެ މެޗުގައި އާސެނަލްގެ މައްޗަށް ސިޓީން ކުރިހޯދީ 2-1 ލަނޑުގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ފަސް މިނެޓްތެރޭ ލަނޑެއްޖަހާ، އާސެނަލުން ވަނީ ލީޑު ހޯދައިފަ އެވެ. ޗިލީ ފޯވަޑް އެލެކްސިސް ސަންޗޭޒް ދިން ރީތި ބޯޅައަކުން އާސެނަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިނގިރޭސި ފޯވަޑް ތިއޯ ވަލްކޮޓް އެވެ.

އާސެނަލުން ލީޑު ހޯދުމާއެކު ސިޓީން ވަނީ އިތުރަށް ކުޅުން ވަރުގަދަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން ސިޓީ އަށް ފުރަތަމަ ހާފުގައި ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް ލިބިގެންދިޔަ އެވެ. އެގޮތުން ފުރަތަމަ ހާފުގައި ސިޓީގެ ރަހީމް ސްޓާލިން އާއި، ކެވިން ޑި ބްރޭނާ އަދި ޔާޔާ ޓޫރޭ އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ތިން މިނެޓްފަހުން ސިޓީން ވަނީ ލަނޑެއްޖަހާ، ނަތީޖާ ހަމަހަމަކޮށްފަ އެވެ. ޑޭވިޑް ސިލްވާ ދިން ރީތި ބޯޅައަކުން ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އެ ޓީމުގެ ޖަރުމަން ވިންގާ ލެރޯއީ ސާނޭ އެވެ.

މެޗުގެ 71 ވަނަ މިނެޓުގައި ސިޓީން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު ހޯދައިފަ އެވެ. ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީ އަށް ލީޑު ހޯދައިދިނީ އެ ޓީމުގެ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ.

ލީގުގައި ކުޅުނު 17 މެޗުން ލިބުނު 36 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ސިޓީ އޮތްއިރު، އެއް ވަނައިގައި އޮތް ޗެލްސީ އަށް 17 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ލިވަޕޫލާއި ހަތަރު ވަނައިގައި އޮތް އާސެނަލަށް ވެސް ލިބިފައި ވަނީ 34 ޕޮއިންޓެވެ. ގޯލުގެ ތަފާތުން ލިވަޕޫލް ކުރީގައި އޮތް އިރު، އެ ޓީމަށް ފައިދާ އެއް މެޗު ކުރިއަށް އެބައޮތެވެ.

ލީގުގައި މިއަދު ޓޮޓެންހަމް ހޮޓްސްޕާ ވަނީ އަމިއްލަ ދަނޑުގައި ބާންލީ އަތުން 2-1 ލަނޑުން މޮޅުވެފަ އެވެ. އެ މެޗުގައި ބާންލީ އަށް އޭޝްލީ ބާންސް ލީޑު ހޯދައިދިން ނަމަވެސް، ޑެލޭ އަލީ އާއި ޑެނީ ރޯސްގެ ލަނޑުން ޓޮޓެންހަމް އަށް ވަނީ ތިން ޕޮއިންޓް ކަށަވަރުވެފަ އެވެ.

ލީގުގައި ރަށުން ބޭރުގައި ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗުން ފަހަތުން އަރާ 3-1 ލަނޑުން ސައުތުހެމްޓަން ވަނީ މޮޅުވެފަ އެވެ. އެ މެޗުގައި ބޯންމައުތުގެ ލަނޑު ކާމިޔާބުކޮށްދިނީ ނޭތަން އަކޭ އެވެ. ސައުތުހެމްޓަންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖޭ ރޮޑްރިގޭޒް ކާމިޔާބުކޮށްދިން އިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ރަޔަން ބާޓްރަންޑް އެވެ.