މި މަހު އިންޑިއާގައި ބާއްވާ ސާފް ވިމެންސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި އުމުރުން 16 އަހަރުގެ ފާތިމަތު ތީބާގެ ލަނޑުން ރާއްޖޭގެ އަންހެން ގައުމީ ޓީމު މޮޅުވެއްޖެ އެވެ.

ޔޫއޭއީގައި ކުރިއަށްގެންދާ ތަމްރީންތަކުގެ ތެރެއިން ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުގައި އެގައުމު އަތުން ރާއްޖެ މޮޅުވެފައިވަނީ 1-0 ލަނޑުންނެވެ.

މިއަދު ކުޅުނު އެ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އިރު، އެ މެޗުގައި ރާއްޖެ މޮޅުކޮށްދިން ލަނޑު ޖަހައިދިން ތީބާގެ ކުޅުން ވެސް ފާހަގަކޮށްލެވެ އެވެ. ދެ ޓީމުގެ ކުޅުންތެރިންގެ ތެރެއިން އެ މެޗުގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔަކީ ވެސް ރާއްޖޭގެ ތީބާ އެވެ.

ތަމްރީން ދަތުރުގައި ރާއްޖޭގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމު ޔޫއޭއީ އަށް ފުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޖުމްލަ 22 ކުޅުންތެރިންނާއެކު ޔޫއޭއީގައި ތަމްރީން ހަދަމުންދާ ރާއްޖޭގެ ޓީމު، އެނބުރި މާލެ އައުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ. އެނބުރި މާލެ އައުމަށްފަހު، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު އިންޑިއާ އަށް ފުރާނެ އެވެ.

މި މަހުގެ 26 އިން ފެށިގެން އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ 'ގްރޫޕް އޭ'ގައެވެ. ރާއްޖެއާއެކު ދެން އެ ގްރޫޕްގައި ހިމެނެނީ ނޭޕާލާއި، ސްރީ ލަންކާ އަދި ބޫޓާން އެވެ. 'ގްރޫޕް ބީ'ގައި ހިމެނެނީ އިންޑިއާ އާއި، ބަންގްލަދޭޝް އަދި އަފްޣާނިސްތާނެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 26 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ލަންކާއާ ދެކޮޅަށެވެ. މި މަހުގެ 28 ވަނަ ދުވަހު ނޭޕާލްއާ ދެކޮޅަށް ރާއްޖެ ނުކުންނަ އިރު، ގްރޫޕްގެ ފަހު މެޗުގައި މި މަހުގެ 30 ވަނަ ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ ބޫޓާންއާ ދެކޮޅަށެވެ.