އަދަން (ޑިސެމްބަރު 18): ޔަމަނުގެ ދެކުނުގައި އޮންނަ އަދަނުގައި އަމިއްލައަށް މަރުވެގެން ބޮމުގެ ހަމަލާއެއްދީ 30 ސިފައިން މަރާލައިފި ކަމަށް އެގައުމުގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އަސްކަރިއްޔާގެ އޮފިޝަލުން ބުނި ގޮތުގައި މިއަދުގެ ވަގުތެއްގައި އެހަމަލާ ދީފައި ވަނީ އަދަނުގައި ހުންނަ އަސްކަރީ ބޭސްއެއް ކައިރިއަށް މުސާރަ ހޯދަން ސިފައިން އެއްވެފައި ތިބި ގަޑިއެއްގަ އެވެ.

އެހަމަލާ ދީފައި ވަނީ އައިއެސް އިން ޔަމަނަށް ދިން ހަމަލާއެއްގައި 48 ސިފައިން މަރާލިތާ އަށް ދުވަސް ފަހުންނެވެ. މިއަދު ދިން ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ.

އަދަނު ކޮންޓްރޯލް ކުރަނީ ބައިނަލްއަގުވާމީ ދުނިޔެއިން ބަލައިގަންނަ ރައީސް އަބްދުއްރައްބު މަންސޫރު ހާދީ އަށް ވަފާތެރިވާ ފެކްޝަންތަކުންނެވެ. އެމެރިކާ އާއި އިނގިރޭސިވިލާތް ހިމެނޭ ސައުދީ ކޯލިޝަނާ ގުޅިގެން އެފެކްޝަންތަކުން ދަނީ ޔަމަނުގެ ވެރިރަށް ސަންއާ އާއި އެގައުމުގެ ހުޅަނގު އުތުރުގެ ގިނަ ސަރަހައްދުތައް ހިފާފައިވާ ހޫޘީންނާ ދެކޮޅަށް ހަނގުރާމަ ކުރަމުންނެވެ.

ޔަމަނު ހަނގުރާމައިގެ ބޭނުން ހިފައި އައިއެސް އާއި އަލްގައިދާއިން ވަނީ އެގައުމުގެ ދެކުނުގައި އެމީހުންގެ ބާރު އިތުރުކޮށްފަ އެވެ. އދ. އިން ބުނާ ގޮތުގައި ޔަމަނު ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު 7000 ވުރެ އިތުރުވާނެ އެވެ. އަދި ތިން މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ނެތިފައިވާ އިރު އެގައުމުގެ އާބާދީގެ 69 ޕަސެންޓު މީހުން ވަނީ އިންސާނީ އެހީއަށް ބޭނުންވެފަ އެވެ. (ބީބީސީ)