18 Dec 2016, 15:39
މި އަހަރުގެ މިހާތަނަށް ބިދޭސީ މަސައްކަތްތެރިންގެ ހައްގު ގެއްލިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް 26 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
އެ ކޮމިޝަނުން ވަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ޙައްގުތަކާއި އެބައިމީހުންގެ އިންސާނީ ކަރާމަތައް އުނިކަން އަންނަ ގޮތަށް އަމަލު ހިންގާކަން ފާހަގަކޮށްފަ އެވެ.
އެޗްއާރްސީއެމް އިން ބުނީ މި އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލަތައް ކަމަށެވެ. އެގޮތުން މުސާރަ ނުދިނުމުގެ ހަތް މައްސަލަ އަކާއި ގަވާއިދާ ހިލާފަށް ބަންދުކުރުން ނުވަތަ ހައްޔަރު ކުރުމުގެ ތިން މައްސަލައަކާއި މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުމުގެ ތިން މައްސަލައަކާއި އެކަށީގެންނުވާ މާހައުލުތަކުގައި މަސައްކަތްކުރުވުމުގެ ދެ މައްސަލައަކާއި ނޯޓިސް ދިނުމަކާ ނުލައި ވަޒީފާ އިން ވަކިކުރުމުގެ ތިން މައްސަލައަކާއި ޑީޕޯޓު ކުރުމުގެ ދެ މައްސަލައެއްގެ އިތުރުން، ޕާސްޕޯޓާއި އެހެނިހެން އަމިއްލަ ލިޔެކިޔުން ހިފެހެއްޓުމުގެ މައްސަލައަކާއި ޝަރީއަތުގެ މަރުހަލާގައި ތަރުޖަމާނުން ނުލިބުމުގެ މައްސަލައަކާއި ޝަރީއަތް ލަސްވުމުގެ މައްސަލައެއް ވެސް ވަނީ ހުށަހަޅައިފަ އެވެ.
އޭގެ އިތުރުން އެހެނިހެން ހައްގުތަކާ ގުޅުން ހުރި ހަތް މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެޗްއާރްސީއެމް އިން ބުނީ 2011 އަދި 2013 ވަނަ އަހަރު ބިދޭސީ މަސައްކަތްތެރިންގެ ހައްގު ގެއްލިގެން ކޮމިޝަނަށް ހުށަހެޅުނު މައްސަލައިގެ އަދަދު ގިނަ ނަމަވެސް 2012 ،2014 އަދި 2016 ވަނަ އަހަރު ހުށަހެޅުނު މައްސަލައިގެ އަދދު ދަށްވެފައިވާކަން ފާހަގަ ކުރެވޭ ކަމަށެވެ.
މިއަދު ފާހަގަ ކުރަމުންދާ "އިންޓަނޭޝަނަލް މައިގްރަންޓްސް ޑޭ"ގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުން ބިދޭސީ މަސައްކަތްތެރީންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށް، އެ ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމުވެފައިވާ ކަމެއް ކަމަށެވެ.
އަދި، ބިދޭސީ މަސައްކަތްތެރިންނާ މެދު ހިންގާ ހިއުމަން ޓްރެފިކިންގް އަމަލުތައް ބަލައި، އެކަން ކުރާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، ގާނޫނީ ގޮތުން ދޭންޖެހޭ އެންމެ ހަރުކަށި އަދަބުދީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކަމާ ބެހޭ އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.