އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއަށް އަބޫ ދާބީ ފަންޑުން ގާތްގަނޑަކަށް 40 މިލިޔަން ޑޮލަރުގެ ލޯނެއް ދޭނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީގެ މަސައްކަތަށް އޯޕެކް ފަންޑު ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން ވަނީ 50 މިލިޔަން ޑޮލަރުގެ ލޯނެއް މިއަދު ދީފައެވެ. މި ލޯނު ދިނީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑާ އެކުއެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް 14 އަހަރުގެ މުއްދަތެއް ދީފައިވެއެވެ.

ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ، އޮފިޑުން މިއަދު ފައިސާ ހަމަޖައްސައިދީ، އެއްބަސްވުމުގައި ސޮއިކޮށްފައިވާ އިރު، އެއާޕޯޓު މަޝްރޫއަށް ލޯނު ދެން ލޯނު ދޭނެ ފަރާތަކީ އަބޫ ދާބީ ފަންޑު ކަމަށެވެ.

އަބޫ ދާބީ ފަންޑުން 40 މިލިޔަން ޑޮލަރު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އަބޫ ދާބީ ފަންޑުގެ ބޯޑުގެ ނިންމުމަކަށް މަޑުކޮށްގެން ތިބީ. އެ ބޯޑުން ދޭނެ ކަމަށް ބެލެވެނީ 40 މިލިޔަނެއްހާ ޑޮލަރު،"

މިނިސްޓަރ ވިދާޅުވީ، މަޝްރޫޢުތައް ކުރިޔަށް ގެންދާ ވަރަކަށް އެފަރާތްތަކުން ދޭ ފައިސާގެ އަދަދު އިތުރު ކޮށްދޭނެ ކަމަށް ބެލެވޭ ކަމަށެވެ.

"އޮފިޑުންވެސް ހަމަ އިތުުރު 50 މިލިޔަން، އަދި ސައުދީ ފަންޑުންވެސް ހަމަ އެވަރަށް ދޭނެ ކަމަށް ވިދާޅުވި،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ، އެއާޕޯޓު މަޝްރޫޢަށް ލޯނުގެ އެހީ ފޯރުކޮށްދީފައިވާ ފަރާތްތަކާ އެކު އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ވަށްމޭޒު ޖަލްސާތަކެއް ބާއްވާނެ ކަމަށެވެ.

"ހުރިހާ ފަންޑުތަކާ އެކު ރައުންޑް ޓޭބަލް ޑިސްކަޝަންސްއަށް އިށީންނާނަން. މީގެ ބޭނުމަކީ ޕްރޮޖެކްޓު ކުރިޔަށް ދާ ގޮތުގެ މައުލޫމާތު އެބޭފުޅުންނަށް އެރުވުން. އިރާދަކުރެއްވިއްޔާ މއިަންނަ އަހަރު މި މީޓިންގް ބޭއްވި، އިތުރު ފަންޑިންގް ހޯދުމަށް ކުރަންޖހޭ ކަންކަން ބަލައި، އިތުރަށް ފަންޑިންގް ހޯދޭތޯ މަސައްކަތް ކުރާނަން،" މުނައްވަރު ވިދާޅުވިއެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ، 800 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫޢަށް މިހާތަނަށް ޖުމްލަ 570 މިލިޔަނެއްހާ ޑޮލަރު، ލޯނުގެ ގޮތުގައި ލިބިފައިވެއެވެ.

އެއީ ސައުދީ ފަންޑު ފޯރ ޑިވެލޮޕްމެންޓުން ދިން 100 މިލިޔަން ޑޮލަރާއި، ކުވައިތު ފަންޑުން ދިން 50 މިލިޔަން ޑޮލަރާއި، މިއަދު އޮފިޑުން ދިން 50 މިލިޔަން ޑޮލަރުގެ އިތުރުން، ޗައިނާގެ ޗައިނާގެ އެގްޒިމް ބޭންކުން 370 މިލިޔަން ޑޮލަރުގެ ލޯނެކެވެ.

މީގެ އިތުރުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އަމިއްލައަށް 50 މިލިޔަން ޑޮލަރު އެއާޕޯޓަށް އިންވެސްޓް ކޮށްފައިވެއެވެ.