ހދ. ވައިކަރަދޫ ފަޅުތެރޭގައި ރޭ އިރާކޮޅުން ފެށިގެން މަރުވަމުންދިޔަ މަސްތަކުގެ ސަބަބުން ފަޅުތެރެ ކުނިވެއްޖެ އެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އިބްރާހިމް މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ، މަސްތައް ކުނިވާން ފެށީ ރޭ އިރުއޮއްސި 6:00 އެހާކަންހާއިރު ކަމަށާއި މަސްތައް ބަލިވާން ފެށުމުން މީހުން މަސްތައް ހިފި ކަމަށެވެ. އެގޮތުން ރޭ އެކަނި ވެސް 4000 ވަރަކަށް މުށި މަސް މަރުވެގެން ނަގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މިއަދު ހެނދުން ފެށިގެން ގިނަ އަދަދެއްގެ މަސްތައް މަރުވެގެން ލޮނުގަނޑު މައްޗަށް އަރަމުންދާ ކަމަށާއި ރަށުތެރެއަށް ވެސް ފަޅުތެރެ ކުނިވެފައިވާ ވަސް ފެތުރެމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.

މަރުވެގެން އަރަމުންދާ މަސްތަކުގެ ތެރޭގައި ގާތްގަނޑަަކަށް 10،000 ވަރަކަށް މުށި މަސް ހިމެނޭ އިރު ބޯވަ، އިހި، މަންޓާ އަދި އާދައިގެ މަޑި ފަދަ ދިރޭ އެއްޗެހި ހިމެނޭ ކަމަށް ވެސް އިބްރާހިމް ވިދާޅުވި އެވެ.

"ބަނދަރު ހަދާފައި އޮތްގޮތުން މިރަށު ފަޅުތެރެއިން ލޮނުގަނޑެއް ދައުރެއް ނުވޭ. އެހެންކަމުން ބޮޑަށް ބެލެވެނީ ބަނދަރުގެ ދިޔަވަރު ހިކުނީމާ ލޮނުގަނޑު މާބޮޑަށް ހޫނުވުމުގެ ސަބަބުން މަސައްތައް މަރުވަމުންދާ ކަމަށް،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ވައިކަރަދޫ ބަނދަރަކީ 1200 ފޫޓު ދިގު ބަނދަރެކެވެ. އަދި އެ ބަނދަރު ނިންމައި ހުޅުވާފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގަ އެވެ.

ބަނދަރު ހެދި ފަހުން ކޮންމެ ތިން މަހަކުން ތިން މަހަކު ފަޅުތެރެ ކުނިވާކަން ފާހަގަވެފައިވާ ކަމަށާއި އެތަނަށް އެރޭ ބައެއް މީހުންގެ ގައި ކަހާ ގޮތްވެފައިވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

ވައިކަރަދޫ ކައުންސިލުގެ ރައީސް އިބްރާހިމް ވިދާޅުވީ، އެރަށު ފަޅުތެރެއިން މަސް މަރުވަމުންދާތީ އެކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި މެރިން ރިސާޗް ސެންޓަރަށް ވެސް އަންގާފައިވާ ކަމަށެވެ.

"އަޅުނގަޑުމެން ރޭގައި އިންނާނެ ބަނދަރުގެ މެދުން ލޮނު ފެންފުޅިއެއް ނަގާފައި ޓެސްޓުކުރަން ބަހައްޓާފައި. އަދި ގާތްގަނޑަކަށް 50 ވަރަކަށް މަސް ރިސާޗަށް ނަގާފައި. އެކަން މެރިން ރިސާޗް ސެންޓަރަށް އެންގުމުން ވިދާޅުވީ އެ ތަހުގީގުތަކެއް ރާއްޖޭން ނުކުރޭނެ ކަމަށް،" އިބްރާހިމް ވިދާޅުވި އެވެ.

ވައިކަރަދޫ ފަޅުތެރެ ކުނިވެ ރަށުތެރޭގައި ބަލިމަޑުކަމެއް ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީ ރަށު ކައުންސިލާއި ސިއްހީ މަރުކަޒު ގުޅިގެން މިއަދު މެންދުރު ފަހު ލޮނުގަނޑު ސާފުކުރުމުގެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ވެސް އެރަށު ކައުންސިލުން ބުނެ އެވެ.