18 Dec 2016, 13:28
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫޢަށް، އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޮފިޑް)އިން 50 މިލިޔަން ޑޮލަރުގެ ލޯނެއް ދީފި އެވެ.
ހޮޓެލް ޖެންގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އޮފިޑުން 50 މިލިޔަން ޑޮލަރުގެ ލޯނު ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރާއި، އޮފިޑްގެ ޑިރެކްޓަރ ޖެނެރަލް ސުލައިމާން ޖާސިރު އަލް ހަރްބިޝްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވީ، އޮފިޑުން ރާއްޖެ އަށް 50 މިލިޔަން ޑޮލަރުގެ ލޯނު ދީފައި ވަނީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކުގައި ކަމަށެވެ. އަދި އެ ލޯނު އަނބުރާ ދެއްކުމަށް ދީފައި ވަނީ 14 އަހަރުގެ މުއްދަތެކެވެ.
މިނިސްޓަރު ވިދާޅުވީ، އެއާޕޯޓު ތަރައްގީ ކުރުމުގެ، 800 މިލިޔަން ޑޮލަރުގެ ބޮޑު މަޝްރޫޢަށް މިހާތަނަށް ޖުމްލަ 570 މިލިޔަނެއްހާ ޑޮލަރު، ލޯނުގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
އެއީ ސައުދީ ފަންޑު ފޯރ ޑިވެލޮޕްމެންޓުން ދިން 100 މިލިޔަން ޑޮލަރާއި، ކުވައިތު ފަންޑުން ދިން 50 މިލިޔަން ޑޮލަރާއި، މިއަދު އޮފިޑުން ދިން 50 މިލިޔަން ޑޮލަރުގެ އިތުރުން، ޗައިނާގެ ޗައިނާގެ އެގްޒިމް ބޭންކުން 370 މިލިޔަން ޑޮލަރުގެ ލޯނެކެވެ.
މިނިސްޓަރު މުނައްވަރު ވިދާޅުވީ އިތުރު ފަރާތަކުން ވެސް ލޯނު ދޭނެކަމުގެ ޔަގީންކަން ދީފައިވާ އިރު، އެއާޕޯޓުގެ މަޝްރޫއަށް ބޭނުންވާ ހުރިހާ ފައިސާއެއް އަންނަ އަހަރުގެ ތެރޭގައި ހަމަޖެހިގެން ދާނެ ކަމަށެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ޗައިނާގެ ބީޔޫސީޖީއިން ދަނީ އެއާޕޯޓުގެ އާ ރަންވޭ އަޅަމުންނެވެ. އަދި ސައުދީގެ ބިންލާދިން ގްރޫޕުން ދަނީ އެއާޕޯޓުގެ އާ އިންޓަނޭޝަނަލް ޓާމިނަލްގެ މަސައްކަތް ކުރަމުންނެވެ.