ސިންސިނަޓީ (ޑިސެމްބަރު 18): ކަރުގައި އެއްޗެއް ތާށިވުމުން ފުރާނަ ސަލާމަތް ކޮށްދިނުމަށް ހަދާ ހައިމްލިކް މެނޫވާ ތައާރަފް ކުރެއްވި ޑރ. ހެންރީ ހައިމްލިކް އަވަހާރަވެއްޖެ އެވެ.

އިއްޔެގެ ވަގުތެއްގައި 96 އަހަރުގެ ހައިމްލިކް އަވަހާރަވީ ހޯމަ ދުވަހު ޖެހުނު ހާޓް އެޓޭކަކަށް ފަރުވާ ދެމުން ދަނިކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެ އެވެ. އެއާއިލާ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން ޑރ. ހައިމްލިކް އަކީ ބަތަލެއް ކަމަށް ދުނިޔޭގެ އެތައް ބަޔަކު ދެކެ އެވެ.

ޑރ. ހައިމްލިކް، ހައިމްލިކް މެނޫވާ ތައާރަފް ކުރެއްވީ 1974ގަ އެވެ. އެއުކުޅުގެ ސަބަބުން އެމެރިކާ އިން އެކަނިވެސް 100،000 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްވެފައިވެ އެވެ.

ހައިމްލިކް މެނޫވާގެ އިތުރުން ޑރ. ހައިމްލިކް ވަނީ މޭގައި އުފެދޭ ފެން ނަގަން ބޭނުން ކުރާ ހައިމްލިކް ޗެސްޓް ޑްރެއިން ވާލްވް އީޖާދު ކުރައްވާފަ އެވެ. އެއީ ސާޖަރީ ކުރާ އިރު މިހާރުވެސް ބޭނުން ކުރާ ވާލްވެކެވެ. (ބީބީސީ)