މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް އާއި އެފްއޭއެމް ގުޅިގެން ބާއްވާމޯލްޑިވްސް ފުޓްބޯލް އެވޯޑްސް 2016ގައި އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗުގެ މަގާމަށް ނޮމިނޭޓްވި ކުޅުންތެރިންނާއި ކޯޗުންގެ ނަންތައް އިއުލާންކޮށްފި އެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ ފަސް ކުޅުންތެރިންގެ ނަން އިއުުލާންކޮށްފައިވާ އިރު، އެންމެ މޮޅު ކޯޗު އެވޯޑަށް ވާދަކުރާ ފަސް ކޯޗުންގެ ނަން ވެސް ވަނީ އިއުލާންކޮށްފައެވެ.

އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ދެ ކުޅުންތެރިންނާއި، ޓީސީ ސްޕޯޓްސް ކްލަބުގެ ދެ ކުޅުންތެރިން އަދި ކްލަބު އީގަލްސްގެ ކުޅުންތެރިއެކެވެ.

މާޒިޔާއިން އެވޯޑަށް ވާދަކުރާ ދެ ކުޅުންތެރިންނަކީ ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) އެވެ. އެ ދެ ކުޅުންތެރިން އެވޯޑަށް ނޮމިނޭޓްވި އިރު، މާޒިޔާއާ އެކު އެ ދެ ކުޅުންތެރިން ވަނީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު ހޯދައިފައެވެ. މާޒިޔާއިން ލީގު ހޯދާފައި ވަނީ އަސައްކޮގެ ކެޕްޓަންކަމުގެ ދަށުންނެވެ.

ޓީސީން އެވޯޑަށް ވާދަކުރާ ދެ ކުޅުންތެރިންނަކީ އަލީ ފާސިރު (ސެންޓޭ) އާއި ޝަމްވީލް ގާސިމް (ބޮންޑާ) އެވެ. އެ ދެ ކުޅުންތެރިން ވެސް ވަނީ ޓީސީއާ އެކު ހުރިހާ މުބާރާތެއްގެ ރަނަރަޕްކަން ހޯދައިފައެވެ. އޭގެ ތެރޭގައި ދިވެހި ޕްރިމިއާ ލީގާއި، އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް ހިމެނެ އެވެ. ސެންޓޭ އަކީ ދިވެހި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ކުޅުންތެރިޔާއެވެ. އޭގެ އިތުރުން އޭނާ އަކީ މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާއެވެ.

އީގަލްސް އިން އެވޯޑަށް ވާދަކުރާ ކުޅުންތެރިޔަކީ އިމްރާން ނަޝީދެވެ. އޭނާ ވަނީ އީގަލްސްއާ އެކު މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. އެ މުބާރާތް އީގަލްސް އިން ކާމިޔާބުކޮށްފައި ވަނީ ވެސް އިމްރާން ނަޝީދުގެ ކެޕްޓަން ކަމުގެ ދަށުންނެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރާ ފަސް ކޯޗުންނަކީ މާޒިޔާގެ ކޯޗު އަލީ ސުޒޭން އާއި، ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި، އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތި) އާއި، ކްލަބު ވެލެންސިއާގެ ކޯޗު މުހައްމަދު އިގުބާލް އަދި ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު އާތިފް (އާތި) އެވެ.

އެންމެ މޮޅު ކޯޗުގެ އެވޯޑަށް ވާދަކުރާ ސުޒޭން ވަނީ މިއަހަރުގެ ދިވެހި ޕްރިމިއާ ލީގު މާޒިޔާ އަށް ހޯދައިދީފައެވެ. ނިޒާމްބެ ޓީސީއަށް ހުރިހާ މުބާރާތެއްގެ ރަނަރަޕްކަން ހޯދައިދިން އިރު، ސާންތި ވަނީ އީގަލްސްއަށް ޕްރެޒިޑެންޓްސް ކަޕް ހޯދައިދީފައެވެ. އިގުބާލް ވެލެންސިއާއަށް އެފްއޭ ކަޕް ހޯދައިދިން އިރު، އާތި ވަނީ މިއަހަރު އަލަށް ފުރަތަަމަ ޑިވިޝަންގައި ވާދަކުރި ޔުނައިޓެޑް ވިކްޓަރީއަށް ލީގުގެ ހަތަރު ވަނަ ހޯދައިދީ އެ ކްލަބަށް ރަނގަޅު ނަތީޖާތަކެއް ނެރެދީފައެވެ.

މުޅިން އަލަށް ތައާރަފްކުރި މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗުގެ އިތުރުން އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ ހޮވުމަށް ހަމަޖެހިފައިވެ އެވެ. މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.