18 Dec 2016, 15:50
އައްޑޫ ސިޓީން މި އަހަރު ފަގީރުންގެ ގޮތުގައި ރަޖިސްޓްރި ކުރި މީހުންނަށް މުދަލު ޒަކާތް ބެހުމުގައި އައްޑޫ ސިޓީ ކައުންސިލުގެ ފަރާތުން އެއްބާރުލުން ނުދިން ކަމަށާއި އެ މީހުންނަށް ޒަކާތު ފައިސާ ބެހުމަށް އިސްލާމިކް މިނިސްޓްރީގެ ޓީމެއް އައްޑު އަށް ގޮސް ޒަކާތް ބަހަން ފަށައިފި އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ޒަކާތް ބެހެމުގެ ކަންތައް ކުރިއަށްގެންދިޔައީ އިސްލާމިކް މިނިސްޓްރީގެ ފަރާތުންނެވެ. އަތޮޅު ތެރޭގެ ޒަކާތް ބަހާނީ އެ ރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށެވެ.
އެގޮތުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރި އަދަދަށްވާ ޒަކާތު ފައިސާ ކޮންމެ ކައުންސިލަކަށް ވެސް އިސްލާމިކް މިިނިސްޓްރީން ޖަމާކުރެ އެވެ.
ނަމަވެސް އައްޑޫ ސިޓީ އަށް އިސްލާމިކް މިނިސްޓްރީގެ ޓީމެއް ގޮސް ޒަކާތް ބަހަންޖެހުނީ އެ މިނިސްޓްރީން ބުނި ގޮތުގައި ލިސްޓު އެކުލަވާލުމުގައި މިިނިސްޓްރީން ދިން އިރުޝާދުތަކާ އެއްގޮތަށް އަމަލު ކޮށްފައިނުވާތީވެ، އެކަމުގެ ސަބަބުން މިނިސްޓްރީން ފައިނަލް ކުރި ލިސްޓާއި އައްޑޫ ސިޓީ ކައުންސިލުގެ ލިސްޓުގައި ތަފާތުތަކެއް ހުރުމުން ކަމަށެވެ.
ނަމަވެސް އެކަމާ ގުޅޭ ގޮތުން އައްޑޫ ސިޓީ ކައުންސިލުގެ ބަހެއް ހޯދުމަށް ގުޅުމުން އަދި ޖަވާބެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އައްޑޫ ސިޓީގެ 1108 މީހަކު ފަގީރުންގެ ގޮތުގައި މިއަހަރު ރަޖިސްޓްރީ ކޮށްފައިވާ އިރު، އެ ސިޓީގައި ޒަކާތް ބެހުމުގެ ކަންތައް އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދަނީ ތިން ސަރަހައްދެއްގަ އެވެ.
އެގޮތުން ހިތަދޫގައި ތިބި، 537 މީހަކަށް ޝަރަފުއްދީން ސްކޫލުގައި ޒަކާން ބަހަމުންދާ އިރު، މަރަދޫ، ފޭދޫގެ 274 މީހަކަށް ޒަކާތް ބަހަމުންދަނީ މަރަދޫފޭދޫ ސްކޫލުގަ އެވެ. އަދި މީދޫ އަދި ހުޅުމީދޫ އިން 297 މީހަކު ރަޖިސްޓްރީކޮށްފައިވާ އިރު، އެމީހުންނަށް ޒަކާތް ބަހަމުންދަނީ މީދޫ އަތޮޅު މަދަރުސާގަ އެވެ.
މި އަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ބަހާނީ، ނިމުނު ހިޖުރީ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިންނެވެ.
އެގޮތުން މިއަހަރު މުދަލުޒަކާތުގެ ފައިސާ ހޯދުމަށް ފަގީރުންގެ ގޮތުގައި 12335 މީހުން ރަޖިސްޓްރީ ކޮށްފައިވާ އިރު، އަތޮޅުތަކުގެ ތެރެއިން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރީ 9936 މީހުންނެވެ.
މިއަހަރުގެ މުދަލު ޒަކާތުގެ ގޮތުގައި ރަޖިސްޓްރީ ކުރި ކޮންމެ ފަގީރަކަށް 900 ރުފިޔާ ދޫކުރަން އިސްލާމިކް މިނިސްޓްރީން ނިންމާފައިވާ އިރު، ޖުމްލަ 11،101،500 ރުފިޔާ މުދަލުގެ ޒަކާތުގެ ގޮތުގައި މިއަހަރު ދޫކުރާނެ އެވެ.