18 Dec 2016, 11:18
ފަތުރުވެރިކަމުގެ މަސައްކަތް ކުރުމަށްޓަކައި، ބިޑު ކުރުމެއް ނެތި ކުއްޔަށް ދޭ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް އދ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމުގައިވާ، އދ. ހުރުއެޅި އިތުރުކޮށްފި އެވެ.
ހުރުއެޅިއަކީ އދ. ފެންފުށީގެ ހުޅަނގު އުތުރުން 10 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮންނަ ފަޅުރަށެކެވެ.
ޓުއަރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ، ފަތުރުވެރިކަމާބެހޭ ކަންކަމަށް ދޫކުރާނެ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މަޢުލޫމާތު ހިމެނޭ ގޮތަށް މިއަހަރަށް ކަނޑައަޅާފައިވާ ލިސްޓަށް އދ. ހުރުއެޅު އިތުރުކޮށް، ލިސްޓު އިސްލާހު ކޮށްފައިވާ ކަމަށެވެ.
ބޮޑުމިނުގައި 6.3 ހެކްޓަރު ހުންނަ އދ. ހުރުއެޅީގެ، އަންދާޒާ ކުރެވޭ އެކުއިޒިޝަން ކޮސްޓެއްގެ ގޮތުގައި ލިސްޓުގައި ޖަހާފައި ވަނީ 3.65 މިލިޔަން ޑޮލަރެވެ.
ބިޑު ކުރުމެއް ނެތި ފަތުރުވެރިކަމުގެ މަސައްކަތަށް ރަށްރަށާއި ފަޅުތައް ކުއްޔަށް ދެވޭގޮތަށް ފަތުރުވެރިކަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހާ އެކު، "ފަތުރުވެރިކަމާބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯޒަލް ހުށަހެޅުމާބެހޭ ގަވާއިދު"ގެ ނަމުގައި ގަވައިދެއް ވަނީ އާންމުކޮށްފަ އެވެ.
އެ ގަވައިދުގައި ބުނާ ގޮތަށް، ފަތުރުވެރިކަމަށް ކޮންމެ އަހަރަކު ދޫކުރާ ރަށްރަށާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް ކޮންމެ އަހަރެއް ފެށޭތާ އެއް މަސް ދުވަސް ތެރޭގައި ޓުއަރިޒަމް މިނިސްޓްރީން އާންމުކުރަން ޖެހެއެވެ.
އަދި އެ ލިސްޓަށް އުނި އިތުރު ގެނައުމުގެ އިޚްތިޔާރު، ރައީސް އޮފީހުގެ ހުއްދައާ އެކު ޓުއަރިޒަމް މިނިސްޓްރީއަށް ލިބެއެވެ. އެހެންކަމުން، އދ. ހުރުއެޅި މި ލިސްޓުގައި ހިމެނުމަކީ މި ލިސްޓަށް ގެނައި އެންމެ ފުރަތަމަ އިސްލާހެވެ.
މި ލިސްޓުގައި ހިމަނައި، ބިޑު ކުރުމެއް ނެތި ކުއްޔަށް ދިނުމަށް މީގެ ކުރިން ލިސްޓު ކޮށްފައިވާ ރަށްރަށަށް ބަލާއިރު، 22.6 ހެކްޓަރުގެ ހއ. ވަނގާރު (އެކުއިޒިޝަން: 2.8 މިލިޔަން ޑޮލަރު)، ހއ. ގާމަތިކުޅުދޫ (އެކުއިޒިޝަން: 1.6 މިލިޔަން ޑޮލަރު)، ހދ. ދިއްޕަރުފުށި (އެކުއިޒިޝަން: 1.02 މިލިޔަން ޑޮލަރު)، ހދ. މުއިރި (އެކުއިޒިޝަން: 6.7 މިލިޔަން ޑޮލަރު)، ނ. ލޯފަރު (4.4 މިލިޔަން ޑޮލަރު)، ބ. ބޮޑުފިނޮޅު (4.1 މިލިޔަން ޑޮލަރު)، ބ. އިންނަފުށި (2.1 މިލިޔަން ޑޮލަރު)، ބ. ފަރެސް (6.7 މިލިޔަން ޑޮލަރު)، ކ. ފޭދޫފިނޮޅު (3.06 މިލިޔަން ޑޮލަރު)، ސ. އިސްމެހެލާ ހެރަ (1.06 މިލިޔަން ޑޮލަރު)، ސ. ސަވާހެލި (1.3 މިލިޔަން ޑޮލަރު) ހިމެނެ އެވެ.
މީގެ އިތުރުން މާލެ އަތޮޅުގެ، 151 ހެކްޓަރުގެ ފަޅެއް 52.7 މިލިޔަން ޑޮލަރަށް، އަދި 1،475 ހެކްޓަރުގެ ފަޅެއް 72.6 މިލިޔަން ޑޮލަރަށް ދޫކުރުމަށް ވެސް ލިސްޓުގައި ހިމަނާފައިވެ އެވެ.