18 Dec 2016, 11:12
އައްޑޫ ސިޓީގެ ގަމުގައި ހުންނަ، ދޫގަސް ހަވާލުވުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ފަށައިފި އެވެ.
ދޫގަސްއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، ދެކުނުގެ އަތޮޅުތަކުގެ ދަތުރުފަތުރުގެ ކަންކަން ހަމަޖެއްސުމަށް ހަވާލުކުރި އެމްވީކޭ ކުންފުންޏަށް 50 އަހަރަށް، ސަބްސިޑީގެ ގޮތުގައި ދިން ތަނެކެވެ. ""ގެ ނަމުގައި، އެމްވީކޭ އިން ރިސޯޓެއްގެ ގޮތުގައި ދޫގަސް ހުޅުވީ 2011 ވަނަ އަހަރުގެ ތެރޭގަ އެވެ.
އެހެން ނަމަވެސް އެތަނުގެ އެގްރީމެންޓް ސަރުކާރުން ވަނީ 2015 ވަނަ އަހަރުގެ ތެރޭގައި ބާތިލުކޮށްފަ އެވެ.
އެމްޕީއެލްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވި ގޮތުގައި، ދޫގަސްއާ ހަވާލުވުމުގެ މަސައްކަތް އެމްޕީއެލް އިން މިވަގުތު ދަނީ ކުރަމުންނެވެ. އެހެން ނަމަވެސް ދޫގަސް އަދި ވެސް އެމްޕީއެލްއާ ރަސްމީކޮށް ހަވާލު ކޮށްފައެއް ނުވެ އެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ދޫގަސް މިވަގުތު ހުރި ހާލަތު ބަލާލުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު ވެސް ހިމެނޭ ޓީމެއް، އައްޑޫ ސިޓީގައި މިވަގުތު ދަނީ ހަރަކާތްތެރިވަމުންނެވެ.
ދެކުނުގެ އަތޮޅުތަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޕީއެލްއާ އެވެ.
ދޫގަސް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އެމްޕީއެލް އިން މީގެ ކުރިން ބުނި ނަމަވެސް، ސަރުކާރުން އެތަން އެމްޕީއެލްއާ ހަވާލުކުރުމަށް އުޅުމުން، ސިވިލް ކޯޓުގެ އަމުރަކުން އެކަން ވަނީ ހުއްޓުވާފަ އެވެ. ސަބަބަކީ، މީގެ ކުރިން ދޫގަސް ހިންގަމުން އައި އެމްވީކޭ އިން، ބޭންކް އޮފް ސިލޯނުގައި ދޫގަސް ރަހުނުކޮށް، ނަގާފައިވާ 2.7 މިލިޔަން ޑޮލަރުގެ ލޯނެއް އެމްވީކޭ އިން އަނބުރާ ދައްކާފައި ނުވާތީ އެވެ.
އެމްޕީއެލްގެ ސީއީއޯ މުހައްމަދު ޖުނައިދު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުން، ދޫގަސް އެމްޕީއެލްއާ ހަވާލުކުރާނީ އެތަނުގެ މައްސަލަތައް ހައްލު ކުރުމަށްފަހު އެވެ.
އަދި، އެމްޕީއެލްއާ ދޫގަސް ސިޓީ ހޮޓަލެއްގެ ގޮތުގައި އެތަން ހުޅުވައި، އެތަނަށް ފަތުރުވެރިން ގެންނާނެ ކަމުގެ ޔަގީންކަން ޖުނައިދު ދެއްވާފައިވެ އެވެ.
"އަޅުގަނޑު މިތާ ސީއީއޯއަކާ ހަވާލުވެ ހުރެ އަޅުގަނޑުގެ ދަށުން މިކަން ހިނގަންޏާ ﷲގެ އިރާދަފުޅާ އެކު ދެ މަސް ދުވަސް ތެރޭގައި ގެސްޓުން މިތަނަށް އަޅާނަން،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދޫގަހަކީ އައްޑޫ ސިޓީގެ ރައްޔިތުންގެ ވަރަށްބޮޑު ހުވަފެނެއްކަމަށާއި ދޫގަސް އޮޕަރޭޝަނަށް އަންނައިރު 200 އަށް ވުރެ ގިނަ ވަޒީފާ އުފެދިގެން އަންނާނެ ކަމަށެވެ.
ދޫގަސްއަކީ، ރާއްޖޭގައި ހިންގަމުން އައި އެންމެ ގިނަ ދުވަސްވީ އެއް ގެސްޓްހައުސެވެ. ގަމުގައި އަސްކަރީ މަރުކަޒެއް ގާއިމުކޮށްގެން އެތަނުގައި އުޅުނު އިނގިރޭސީން، އައްޑު އަތޮޅުން ފޭބި ހިސާބުން ފެށިގެން ދޫގަސް ބޭނުން ކުރަމުން އައީ ސަރުކާރުގެ ގެސްޓުހައުސްއެއްގެ ގޮތުގަ އެވެ.