18 Dec 2016, 12:47
ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ މުވައްޒަފުންގެ ކްލަބު "މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްޓާފް ކްލަބު (އެމްއެންޔޫއެސްސީ)"ގެ ލޯގޯ އަދި ސްލޯގަން ފަރުމާކުރުމުގެ ކުރުމުގެ މުބާރާތެއް ހުޅުވާލައިފިއެވެ.
އެމްއެންޔޫގެ މުވައްޒަފުންގެ މެދުގައި ރަނގަޅު އަހުލާގީ އިޖްތިމާއީ ރޫހު އިތުރުކުރުވައި މުއައްސަސާ ތެރޭގައި އޮންނަ ސަގާފަތާއި ރަނގަޅު ވިސްނުން އިތުރަަށް ތަރައްގީކުރުމުގެ ބޭނުމުގައި މުވައްޒަފުންގެ ކުލަބެއް އުފައްދާ ރަޖިސްޓްރީ ކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އަދި އެ ކުލަބުގެ އިސް މަގާމްތަކަށް މެމްބަރުން ވެސް ވަނީ ހޮވާފައެވެ.
އެމްއެންޔޫއެސްސީ ސެކްރެޓަރީ އިބްރާހިމް ހަނީފް ވިދާޅުވީ، އެ ކުލަބުގެ ލޯގޯ ފަރުމާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:00 ގެ ކުރީން ލޯގޯގެ ސޮފްޓް ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށެވެ.
ލޯގޯ ފަރުމާކުރުމުގައި އެއްބައިވަންތަކަން ދައްކައިދިނުމާއި ކުރިއެެރުމާއި ފާގަތިކަން ދައްކައިދިނުން ހިމެނެއެވެ.
ލޯގޯގެ ސޮފްޓް ކޮޕީ ހުށަހަޅަންޖެހޭނީ މުބާރާރުގެ ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމާއެކު އެމްއެންޔޫއެސްސީގެ މެއިލްއަށެވެ. އަދި ލޯގޯ ހުށަހަޅާއިރު، ފަރުމާކުރި ފަރާތުގެ މައުލޫމާތާއި ލޯގޯގެ ތައާރަފް ނުވަތަ ރަމްޒުކޮށްދޭ ކަންތައްތަކުގެ ތަފްސީލު ހިމަނަންޖެހެއެވެ.
ހަނީފް ވިދާޅުވީ، ލޯގޯ ފަރުމާކޮށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު ލޯގޯ އަދި ސްލޯގަން ހުށަހަޅާ ފަރާތްތަކަށް ފައިސާގެ އިނާމުވެސް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން އެއްވަނައަށް ހޮވޭ އެންމެ ފުރިހަމަ ލޯގޯ ހުށަހަޅާ ފަރާތަކަށް 3000 ރުފިޔާ އަދި އެއްވަނައަށް ހޮވޭ ސްލޯގަން ހުށަހަޅާ ފަރާތަކަށް 2000 ރުފިޔާގެ އިނާމެއް އެ ކުލަބުން ވަނީ ހުށަހަޅާފައެވެ.