މެޗްގެ ފަހު މިނެޓްގެ ތެރޭގައި ކާމިޔާބުކުރި ލަނޑާ އެކު ދިރާގް ދިވެހި ލީގުގެ ގަދަ ހަ އެއްގެ އުންމީދު އީގަލްސް އިން އާކޮށް، އިތު ކުރިއެރުމެއް ހޯދައިފި އެވެ.

ލީގުގައި ވާދަކުރާ އަށް ޓީމްގެ ތެރެއިން އީގަލްސް އިން ގަދަ ހައެއްގެ އުންމީދު އާކުރީ ކުލަބް ވެލެންސިޔާ އާ ދެކޮޅަށް ރޭ ކުޅުނު މެޗް 2-1 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.

ދެތީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ވެލެންސިޔާއިންނެވެ. އެގޮތުން މެޗްގެ ފުރަތަމަ ހާފްގެ 14 ވަނަ މިނެޓްގައި ވެލެންސިޔާ އަށް ލީޑް ހޯދައިދިން ކުޅުންތެރިޔަކީ އާދަމް ޝާހިރެވެ. އެހެންނަމަވެސް އީގަލްސްގެ ކުޅުމަށް ބަދަލެއް ނައުމުގެ ނަތީޖާއަކަށްވީ މެޗްގެ ފުރަތަ މަހާފް ނިމުމުގެ ކުރިން އީގަލްސް އިން ލަނޑެއް ކާމިޔާބުކޮށް ނަތީޖާ 1-1 ލަނޑަށް ހަމަހަމަ ކުރުމެވެ.

މެޗްގެ ދެ ވަނަ ހާފް ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަށް އުފައްދަމުން އައީ އީގަލްސް އިންކަން ވެސް ފާހަގަ ކޮށްލެވެ. އެގޮތުން ވެލެންސިޔާގެ ގޯލަށް، އީގަލްސް އިން ވަނީ ނުރައްކާ ދެތިން ބޯޅަ އެއް މެޗްގެ ދެ ވަނަހާފްގެ ކުރީ ކޮޅު ފޮނުވާލައިފަ އެވެ. އެހެން ނަމަވެސް ވެލެންސިޔާ އިން ވެސް ދިޔައީ ނަތީޖާ ބައްދަލުކޮށްލުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

މީގެއިތުން މިމެޗްގެ 74 ވަނަ މިނެޓްގައި އީގަލްސްގެ ޑިފެންޑާ އިބްރާހިމް މަމްނޫނަށް ދެ ވަނަ ރީދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުން، ޖުމްލަ 10 ކުޅުންތެރިންނާ އެކު މެޗްގެ ބާކީ މިނެޓްކޮޅު ފުރިހަމަ ކުރަންޖެހުނު އީގަލްސް މޮޅު ކޮށްދިން ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުސްތަފާ އެވެ. މެޗްގެ 89 މިނެޓްގައި އީގަލްސް އިން ޖެހި ލަނޑާ އެކު ނަތީޖާ 2-1 ލަނޑަށް ބަދަލުވުމުން އީގަލްސް އިން ވަނީ މެޗް ނިމެންދެން އެޓީމްގެ ފަހަތް ރަނގަޅުކޮށްފަ އެވެ.


ރޭގެ މެޗުން މޮޅު، ގަދަ ހައެއްގެ އުންމީދު ބޮޑުކޮށްފައިވާ އީގަލްސްއިން މިހާތަނަށް ކުޅުނު މެޗްތަކުން ޖުމްލަ 13 ޕޮއިންޓް ހޯދާފައި ވާއިރު، ލީގް ތާވަލްގައި އީގަލްސް މިހާރު އޮތީ އިތުރު ކުރިއެރުމަކާ އެކު ލީގްގެ ފަސް ވަނައިގަ އެވެ. އަދި އީގަލްސްގެ ފަހަތުން ލީގުގެ ހަވަނާގައި ވެލެންސިޔާ އޮތީ 11 ޕޮއިންޓާއެކުގަ އެވެ. އެހެންނަމަވެސް ލަނޑުގެ ގޮތުން ބަލައިފި ނަމަ އޭވައިއެލް ވެސް އުޅެނީ ވެލެންސިޔާ އާ އެއްވަރަށް ތާވަލްގެ ހަވަނައިގަ އެވެ.

ލީގްގެ އެއްވަނާގައި އަދިވެސް ހުސްވި އަހަރުގެ ޗެމްޕިއަން ވީބީ، އުޅޭ އިރު ލީގް ދެވަނާގައި 21 ޕޮއިންޓާއެކު އުޅެނީ ނިއުރޭޑިއަންޓެވެ. އަދި 20 ޕޮއިންޓާއެކު ތިން ވަނާގައި އުޅެނީީ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.

މިމުބާރަތުގައި މިރޭ ވެސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، މިރޭ 9:00 ގައި ބައްދަލުކުރާ މެޗްގައި ވާދަކުރާ ދެޓީމަކީ އޭވައިއެލް އާއި ވިކްޓަރީ ސްޕޯޓްސް ކުލަބެވެ.

ލީގްގެ ދެވަނަ ބުރުގެ ކުޅުން ނިމުމަކާހަމައަށް އަންނަ އިރު، ތާވަލްގެ އެންމެ ފުލުގައި އޮންނަ ދެ ޓީމް ރެލިގޭޝަން ކުޅެން ޖެހޭނެ އެވެ. އެގޮތުން ލީގުގެ ތިން ވަނަ ބުރަށް ކޮލިފައިވާނީ ގަދަ ހަ ޓީމެވެ.