18 Dec 2016, 11:07
ޒިމްބާބުވޭގެ ރައީސް ރޮބަޓް މުގާބޭ އަށް އަންނަ ފެބުރުއަރީ މަހު 93 އަހަރު ފުރޭ އިރު، 2018 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރޫލިން ޕާޓީގެ ފަރާތުން ވާދަ ކުރާ ކެނޑިޑޭޓެއްގެ ގޮތުގައި މުގާބޭ އިއްޔެ ކަނޑައަޅައިފި އެވެ.
އެސޯސިއޭޓް ޕްރެސް އިން މިއަދު ބުނި ގޮތުގައި ޒިމްބާބުވޭގައި ވެރިކަން ކުރާ، ޒަނޫ ޕީއެފް ޕާޓީ އިން އެކަން އިއުލާން ކުރީ މަސްވިންގް އަވަށުގަ އެވެ. އަދި އެ ބައްދަލުވުމުގައި އެ ޕާޓީގެ ޒުވާނުންގެ ވިންގުން ވެސް ބުނީ މުގާބޭ މުޅި ހަޔާތުގައި އޭނާ ވެރިކަން ކުރަން އެދޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ބުނީ ޒަނޫ ޕީއެފްގެ އެ ނިންމުމަކީ އެ ޕާޓީން ރައްޔިތުންގެ އިހުސާސް ނުދަންނަ ކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށެވެ. އަދި ވަޒީފާ ނެތް މީހުންގެ އަދަދު އިންތިހާ އަށް އިތުރުވެ، މީހުންގެ އަތުން ފައިސާ ހުސްވެ ވިޔަފާރިތައް ބަންދުކުރަން ޖެހިފައިވާ އިރު މީހުން ތިބީ ގޮތް ހުސްވެފައި ކަމަށެވެ.
މުގާބޭ އަށް ސަނާ ކިޔާ މީހުން ޕާޓީގައި ތިއްބަސް، އޭނާ އަށް ފާޑުކިޔައި އޭނާ އިސްތިއުފާ ދިނުމަށް އެދޭ މީހުން ވެސް ޕާޓީގައި ތިބިކަން މުގާބޭގެ ވާހަކަތަކުން އެނގުނެ އެވެ.
"އެކަކު އަނެކަކާ ދިމާކުރުން ހުއްޓާލަން ވެއްޖެ،" ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތަކަށް އިޝާރާތްކޮށް މުގާބޭ ވިދާޅުވި އެވެ.
ޒިންބާބުވޭ 1980 ވަނަ އަހަރު އިނގިރޭސީންގެ އަތްދަށުން މިނިވަންވީއްސުރެ އެ ގައުމުގައި ވެރިކަން ކުރަނީ މުގާބޭ އެވެ. ނަމަވެސް އިގްތިސާދީ ގޮތުން މީހުންގެ އަތްމަތި ދަތިވުމުން އޭނާ އަށް އަންނަނީ ޕްރެޝަރުތައް ކުރިމަތިވަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކުން އަންނަނީ އޭނާގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ޒަނޫ ޕީއެފް ޕާޓީގެ ރެލީއެެއްގައި ސުޕާ ކިޔާ ވަޒީރަކު ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާ އަކީ ސުޕާ ބޭފުޅެއް ނޫން ކަމަށާއި ސުޕާ ބޭފުޅަކީ ރައީސް މުގާބޭ ކަމަށެވެ. ޕާޓީގެ ޔޫތު ވިންގްގެ ލީޑަރު ވާހަކަ ދައްކަވަމުން ވިދާޅުވީ މުގާބޭގެ އުފަން ދުވަހާއި އައިޑީކާޑު ބަދަލުކޮށް، "ރައީސް ރޮބަޓް މުގާބޭ"ގެ ނަމަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މުގާބޭ ވޯޓަށް މަކަރު ހެދި ކަމުގެ ތުހުމަތުތައް ވަނީ ކުރެވިފަ އެވެ.
އޭނާ ބަލިކޮށް ފެނުނު ނަމަވެސް އާންމުކޮށް ދަތުރުފަތުރުކޮށް އުޅެ އެވެ. އަދި އޭނާ 100 އަހަރު ދުނިޔޭގައި ހުންނާނޭ ކަމަށް ބުނެ އެވެ.