18 Dec 2016, 11:15
ބޮލީވުޑްގެ ކާމިޔާބު އެކްޓަރުން ކަމުގައިވާ ކަންގަނާ ރަނައުތު އަދި ރިތިކް ރޯޝަން ވެސް ފަހަކަށް އައިސް އެންމެ ގިނަ ހެޑްލައިން ތަކުން ޖާގަ ހޯދަނީ، ދެ މީހުންގެ ދެމެދުގައި އުފެދިފައިވާ ކޯޅުންގަނޑާ ކޮންމެސް އާ ވާހަކަތަކަކާ އެކު އެވެ.
ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެ ކޯޅުންގަނޑުގެ އާ ވާހަކައެއް މީޑިއާ އަށް ތިލަވެ އެވެ. ރިތިކް އާއި ކަންގަނާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަންގަނާ ވާހަކަ ދައްކައި، އޭނާ ކުރި ޓުވީޓަކަށް ރިތިކު ރައްދު ދިން ހިސާބުންނެވެ. އެއަށް ފަހު ދެ ތަރިން އެކަކު އަނެކަކަށް މެދުކެނޑުމެއް ނެތި ރައްދު ދެމުން ދިޔަ އެވެ. އަދި އެ ދެ ތަރިންގެ މެދުގައި އޮތް ގުޅުމުގެ ފަތިފުށް މީޑިއާ އަށް ހާމަވަމުން ދިޔަ އެވެ.
ނަމަވެސް، ދެތަރިންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ދޭހަވާ ފަދަ ގޮތަކަށް ކަންގަނާ ދައްކަމުން ދިޔަ ވާހަތައް ރިތިކު އައީ ދޮގު ކުރަމުންނެވެ. އެފަދަ ގުޅުމެއް ކަންގަނާ އާއެކު ނުބާއްވާކަމަށް ރިތިކު އައީ ބުނަމުންނެވެ. ޓުވިޓާއިން ފެށުނު އެ ކޯޅުންގަނޑުގެ ތެރޭގައި، ކަންގަނާ އާއި ރިތިކް އާ ދެމެދު އީމެއިލް މެދުވެރިކޮށް ދެކެވިފައިވާ ވާހަކަތައް ވެސް ވަނީ އާންމުވެފަ އެވެ.
ރިތިކް ބުނެފައި ވަނީ އޭނާ ކަންގަނާ އަށް އެއްވެސް މެއިލް އެއް ފޮނުވާފައި ނުވާނެ ކަމަށާއި، ކަންގަނާ އަށް މެއިލް ފޮނުވާފައި ވަނީ އޭނާގެ ނަމުގައި ހަދާފައިވާ ފޭކް އީމެއިލް އެއް މެދުވެރިކޮށް ކަމަށެވެ. ރިތިކް ވަނީ އީމެއިލް ތަކުގެ މައްސަލަ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ.
ކަންގަނާ އާއި ރިތިކް އާ ދެމީހުން ބައްދަލުވީ 2009 ވަނަ އަހަރު ފިލްމް 'ކައިޓްސް' ޝޫޓު ކުރުމުގެ ތެރެއިންނެވެ. އަދި އެ އަހަރުން ފެށިގެން ރިތިކް އާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ކަންގަނާ ބުނި އިރު، އޭނާ ވަނީ ރިތިކަށް 1439 އީމެއިލް ފޮނުވައިފަ އެވެ.
އެ އީމެއިލް ތަކުގައި ހުރި ވާހަކަތައް ދުނިޔެ އަށް އާންމުވެގެން ގޮސް އެންމެ ފަހުން ދެމީހުން ވަނީ އެކަކު އަނެކަކު ގޮވައިގެން ކޯޓަށް ވެސް ގޮސްފަ އެވެ.
އަދިވެސް ދެމީހުންގެ ދޭތެރޭ އުފެދިފައިވާ ހަނގުރާމަ ފިނި ނުވާ އިރު، ކަންގަނާ މިވަނީ އީމެއިލް ތަކާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ. މީޑިއާ އަށް މައުލޫމާތު ދެމުން ކަންގަނާ ބުނީ، އީމެއިލް ތައް ލީކު ކޮށްލުމުން އޭނާ މުޅި ދުނިޔެ އަށް "ބޭޒާރު" ވެގެން ދިޔަކަމުގެ އިހުސާސް ކުރެވުނު ކަމަށެވެ.
"އަހަރެން އަހަރެންގެ ލޯބިވެރިޔާ އަށް ލިޔެފައިވާ ސިޓީތަކެއް، އެއްވެސް ކަހަލަ ފިކުރެއް ނެތި މުޅި ދުނިޔެއަށް ބޭޒާރު ކޮށްލީމަ އަހަންނަށް ކޮން ކަހަލަ އިހުސާސެއް ކުރެވޭނީ. ސިޓީ އެއް މެދުވެރިކޮށް އަމިއްލަ ވާހަކަތަކެއް ހާމަކުރަނީ ވަކި މީހަކަށް. މުޅި ދުނިޔެ އަކަށް ނޫން. އީމެއިލް ތައް ލީކު ކޮށްލުމުން އަހަންނަށް ކުރެވުނީ ބަރަހަނާ ހާލުގައި ދުނިޔޭގެ އެންމެނަށް ފެންނަ ގޮތަށް ހުރެވުނު އިހުސާސް. އެތައް ރެޔެއް ވަންދެން ހުއްޓާނުލާ އަހަރެން ރުއިން،" ކަންގަނާ ބުންޏެވެ.
ކަންގަނާ ބުނީ މީހުން އޭނާ އަށް މަލާމާތް ކުރި ކަމަށާއި ނަމަވެސް އެއްވެސް މީހަކަށް އޭނާ ރައްދު ނުދޭ ކަމަށެވެ. އަދި އެއީ އޭނާ އަށް ލިބުނު ކާމިޔާބީ އެއް ކަމަށް ގަބޫލު ކުރާ ކަމަށް ވެސް ކަންގަނާ ބުންޏެވެ.
އަދި ވަކި މީހަކު އޭނާގެ އަގު ވަޒަން ނުކުރި ނަމަވެސް، އެއީ މުޅި ދުނިޔޭގެ ކުރި މަތީގައި އޭނާގެ އިހުސާސްތަކާއި ވާހަކަތައް ބޭޒާރުކޮށް، އެކަމަށް މަލާމާތް ކުރަން ޖެހޭ ސަބަބެއް ނޫން ކަމަށް ވެސް ކަންގަނާ ބުންޏެވެ.
ރިތިކް (42) އަދި ކަންގަނާ (29) ވަނީ ކައިޓްސްގެ އިތުރުން ކްރިޝް3ގައި ވެސް އެކުގައި މަސައްކަތް ކޮށްފަ އެވެ.