ކަރާކަސް (ޑިސެމްބަރު 18): ވެނެޒުއޭލާގެ 100 ބޮލިވާ ނޫޓުތައް ސަރުކާރަށް އަނބުރާ ނެގުން ލަސްކުރަން އެގައުމުގެ ރައީސް ނިކޮލަސް މަޑޫރޯ ނިންމަވައިފި އެވެ.

ރައީސް މަޑޫރޯ ދެއްވި ތަގުރީރެއްގައި އޭނާ ވިދާޅުވީ އެނޫޓުތައް ނެގުން ލަސްކޮށްފައި ވަނީ އާ ނޫޓުތައް އަދި ނުލިބޭތީ ކަމަށެވެ. އެހެން ގައުމަކުން ޕްރިންޓުކޮށްގެން ގެންނަ އާނޫޓުތައް ލިބިފައި ނުވަނީ "ބައިނަލްއަގުވާމީ ދުނިޔެއިން ވެނެޒުއޭލާއާ ދެކޮޅަށް ގެންގުޅޭ ސިއްރު ރޭވުމެއް"ގެ ސަބަބުން ކަމަށް ރައީސް މަޑޫރޯ ވިދާޅުވި އެވެ.

އެހެންކަމުން އަންނަ މަހުގެ ދޭކާ ހަމައަށް 100 ބޮލިވާ ނޫޓުތައް ވެނެޒުއޭލާގައި ބޭނުން ކުރެވޭނެ އެވެ. އަދި އެގައުމަށް އަލަށް ތައާރަފް ކުރާ 100 އަށް ވުރެ ބޮޑެތި ނޫޓުތައް ލިބުމުން، އެނޫޓުތައް ދޭން ފަށާނެ ތާރީހެއް އިއުލާން ކުރާނެ ކަމަށް ރައީސް މަޑޫރޯ ވިދާޅުވި އެވެ. މީގެ ކުރިން ވެނެޒުއޭލާ ސަރުކާރުން ނިންމާފައި އޮތީ އާނޫޓުތައް ދައުރު ކުރުން މިހަފްތާ ތެރޭގައި ފަށާ ގޮތަށެވެ.

ވެނެޒުއޭލާގައި ބޭނުން ކުރާ އެންމެ ބޮޑު ފައިސާ ނޫޓު ކަމަށްވާ 100 ބޮލިވާ އެގައުމުގެ ސެންޓްރަލް ބޭންކަށް އުޅޭ ކަން މިދިޔަ ހަފްތާ ތެރޭގައި ރައީސް މަޑޫރޯ ކުއްލިއަކަށް އިއުލާން ކުރެއްވުމުން ގައުމުގައި މުޒާހަރާތަައް ބާއްވައި، ހަމަނުޖެހުންތައް އުފެދި، ފިހާރަތައް ލޫޓުވާފައިވެ އެވެ.

ވެނެޒުއޭލާގެ ސަރުކާރުން ބުނާ ގޮތުގައި 100 ބޮލިވާ ނޫޓުތައް އުވާލުމުގެ މަގުސަދަކީ ގާނޫނާއި ގަވައިދާ ޚިލާފަށް އެގައުމަށް ތަކެތި އެތެރެކުރުމާއި ބޭރުކުރުމުގެ އިތުރުން، ކާނާއާއި އެހެނިހެން މުދަލަށް ޖެހެމުންދާ ޖެހުން ހުއްޓުވުމެވެ.

ވެނެޒުއޭލާގައި ހިނގަމުންދާ ސިޔާސީ އަދި އިގްތިސާދީ ހަމަނުޖެހުންތަކުގެ އިތުރުން، ދުނިޔޭގައި މިވަގުތު އޮތް އެންމެ މަތީ އިންފްލޭޝަން ރޭޓު އޮތީ އެގައުމުގަ އެވެ. މިވަގުތު އެގައުމުގެ ފައިސާގެ އަގު އުޅެނީ، 100 ބޮލިވާއަށް އެމެރިކާ ޑޮލަރުގެ ދެ ސެންޓުގެ މަގުންނެވެ. (ބީބީސީ)