18 Dec 2016, 10:36
ޒަލްޓަން އިބްރަހިމޮވިޗު ކާމިޔާބްކޮށްދިން ދެ ގޯލުން 2-0ގެ ނަތީޖާ އަކުން ވެސްޓް ބްރޮމްވިޗުގެ މައްޗަށް މެންޗަސްޓާ ޔުނައިޓެޑުން ކުރި ހޯދައިފި އެވެ.
އެންމެ ފަހުން ލީގްގައި ޔުނައިޓެޑް ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ފަހު ވަގުތު ގޯލުޖަހައި ޔުނައިޓެޑް މޮޅުކޮށްދިން އިބްރަހިމޮވިޗު ރޭގެ މެޗުގައި އެޓީމަށް ލީޑް ނަގައިދިނީ ފަސް ވަނަ މިނެޓްގައި ޖެސީ ލިންގާޑް ނަގައިދިން ހުރަހެއް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ޔުނައިޓެޑްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެމެޗުގައި އެޓީމްގެ ދެވަނަ ގޯލު އިބްރަހިމޮވިޗު ކާމިޔާބްކުރީ ވޭން ރޫނީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މި އަހަރުގެ ސީޒަން ފެށި އިރު ގިނަ މެޗުތަކަކުން ބަލިވެ މައްސަލަތަކާ ކުރިމަތިލާން ޖެހުނު ޔުނައިޓެޑް ވަނީ ވަނީ މިހާރު ބަލިނުވެ 10 މެޗު ހަމަކޮށް މަޑުމަޑުން ފޯމަކަށް އެޅެމުންނެވެ. ރޭގެ މޮޅާއި އެކު އެޓީމް ވަނީ ލީގްގައި ކުޅުނު 17 މެޗުން 30 ޕޮއިންޓް ހޯދައި ފަސް ވަނާގައި އޮތް ޓޮޓެންހަމްއާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފަ އެވެ. ޔުނައިޓެޑް ހަވަނާގައި އޮތީ ފައިދާ ގޯލުގެ ތެފާތުންނެވެ.
މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ ދެ ގޯލު ކާމިޔާބްކޮށް ޔުނައިޓެޑް މޮޅުކޮށްދިން އިބްރަހިމޮޗަށް ތައުރީކޮށް ވާހަކަ ދައްކައިފަ އެވެ.
"އޭނާ (އިބްރަހިމޮވިޗު)ގެ އުމުރުން 35 އަހަރުގައި އެފެންނަ ކުޅުމަކީ ޕްރިމިއާ ލީގްގެ 25 އަހަރުގެ ގިނަ ފޯވާޑުންގެ ފަރާތުން ވެސް ފެންނަ ކުޅުމަށްވުރެން މޮޅު ކުޅުމެއް. އޭނާގެ ކުޅުމުން އެދަނީ ސާބިތުކޮށްދެމުން އޭނާގެ ފެންވަރު،" މޮރީނިއޯ ބުންޏެވެ.
ލީގްގައި ޔުނައިޓެޑަށް ދެން އޮތީ އެޓީމްގެ ކުރީގެ ކޯޗު ޑޭވިޑް މޯޔަސްގެ ސަންޑަލޭންޑްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެމެޗު އޮންނާނީ 26 ވަނަ ދުވަހު އެވެ.