ރޯމާ 0-1ގެ ނަތީޖާ އަކުން ބަލިކޮށް އިޓަލީ ލީގުގެ އެއްވަނާގައި ޔުއެންޓަސްއިން ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

ރޭގެ މޮޅާ އެކު ޔުއެންޓަސް އެއްވަނާގައި އޮތީ ކުޅުނު 17 މެޗުން 42 ޕޮއިންޓް ލިބިގެންނެވެ. ހަމަ އެއަދަދަށް މެޗު ކުޅެ ދެވަނާގައި ރޮމާ އޮތީ 35 ޕޮއިންޓާ އެކު އެވެ.

ޔުއެންޓަަސްގެ ޓޮރިނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު ފޯރިގަދަ މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ގޯލު މެޗުގެ 35 ވަނަ މިނެޓްގައި އާޖެންޓީނާގެ ފޯވާޑް ގޮންޒާލޯ ހިނގުއިން ކާމިޔާބްކޮށްދިނީ ސެމީ ކެދީރާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ހިނގުއިންގެ އެ ގޯލަކީ މިސީޒަނުގައި އެނާ ކާމިޔާބުކުރި 10 ވަނަ ގޯލެވެ.

މެޗުގެ ކުރީކޮޅުގައި ޔުއެންޓަސް އިން ލީޑް ނެގި ނަމަވެސް ރޯމާ އިން ވަނީ މެޗުގެ ފަހު ހާފްގައި ރަނގަޅުކުޅުމެއް ދައްކައި ޔުއެންޓަސްގެ ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. ނަމަވެސް ރޯމާގެ ހަމަލާތަގު ހުރަހަކަށްވީ ރޭގެ މެޗުގެ މޮޅު ކުޅުމެއް ފެނިގެންދިޔަ ޔުއެންޓަސްގެ ތަޖުރިބާކާރު ގޯލު ކީޕަރު ބުފޮން އެވެ.

ރޭގެ ބައްޔާ އެކު ރޯމާ ވަނީ އެންމެ ފަހުން ޔުއެންޓަސްއާ އެކު ލީގްގައި ކުޅުނު ހަ މެޗުން ވެސް ބަލިވެފަ އެވެ. އަނެއްކޮޅުން ރޭގެ މޮޅާއި އެކު ޔުއެންޓަސް ވަނީ އެޓީމުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 25 ލީގް މެޗުން ވެސް މޮޅުވެފަ އެވެ. އެއީ މީގެ ކުރިން 2014 ވަނަ އަހަރުގައި އެޓީމުން ގާއިމްކޮށްފައިވާ ރިކޯޑެވެ.

ލީގްގައި ރޭ އޭސީ މިލާން ކުޅުނު މެޗު ކާމިޔާބްކޮށް އެޓީމަށް ތާވަލުގެ ދެވަނައަށް އަރަން ފުރުސަތުއޮތް ނަމަވެސް އެޓީމް ވަނީ އަމިއްލަ ދަނޑުގައި އެޓްލާންޓާއާ 0-0ގެ ނަތީޖާ އަކުން އެއްވަރުވެފަ އެވެ. އެސީ މިލާން ތާވަލުގެ ތިން ވަނާގައި އޮތީ ރޯމާއަށް ވުރެން ދެ ޕޮއިންޓް މަދުން ލިބި 33 ޕޮއިންޓާ އެކު އެވެ.