18 Dec 2016, 11:55
ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި އެފަރާތްތަކަށް ދިމާވާ އިންސާނީ ހައްގުތަކާގުޅުންހުރި މައްސަލަތައް ބެލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތަކުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުން މުހިންމު ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.
މިއަދު ފާހަގަ ކުރަމުންދާ "އިންޓަނޭޝަނަލް މައިގްރަންޓްސް ޑޭ" ގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި އެބައިމީހުންގެ އިންސާނީ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ހިންގާ އަމަލުތަކުގެ ސަބަބުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ހިއުމަން ޓްރެފިކިންގ ވޮޗް ލިސްޓްގެ ދެވަނަ ހަރުފަތުގެ ވޮޗް ލިސްޓްގައި ރާއްޖެ ހިމެނިފައި ވާކަން ވަނީ ފާހަގަ ކޮށްފައެވެ.
ިއެޗްއާރްސީއެމް އިން ބުނީ މިއަހަރުގެ މިހާތަނަށް ވެސް ބިދޭސީ މަސައްކަތްތެރިންނާ ގުޅުންހުރި ތަފާތު ގިނަ މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން މުސާރަ ނުދީ މަސައްކަތް ކުރުވުމާއި، ނޯޓިސް ދިނުމަކާ ނުލާ ވަޒީފާއިން ވަކިކުރުމާއި، އޮޅުވާލައިގެން ދޭން ބުނާ ވަޒީފާ ނޫން އެހެން ވަޒީފާތަކުގައި މަސައްކަތްކުރުވުމާއި، ޕާސްޕޯޓާއި އެހެނިހެން އަމިއްލަ ލިޔެކިޔުން ހިފެހެއްޓުމާއި، މަސައްކަތުގެ މާހައުލުގައި ފުރައްސާރަ ކުރުމާއި، އެކަށީގެންނުވާ މާހައުލުތަކުގައި މަސައްކަތްކުރުވުމާއި، ބިރުދައްކައިގެން ގަދަކަމުން މަސައްކަތްކުރުވުމާއި، ލާއިންސާނީ އަނިޔާގެ މައްސަލަތައް ހިމެނޭ ކަމަށް އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.
އޭގެ އިތުރުން، ޝަރީއަތުގެ މަރުހަލާގައި ތަރުޖަމާނުން ނުލިބުމުގެ މައްސަލަތަކާއި، ޝަރީއަތް ލަސްވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތަކާއި، ގަވާއިދާ ހިލާފަށް ބަންދުކުރުމުގެ މައްސަލަތައްވެސް ހިމެނޭ ކަމަށް އެޗްއާރްސީއެމް އިން ބުންޏެވެ.
"ވީމާ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި، ގާނޫނުތަކުން ބިދޭސީ މަސައްކަތްތެރީންނަށް ލިބޭ ހައްގުތައް ކަށަވަރުކޮށް، އެ ހައްގުތައް ނިގުޅައިގަންނަ ފަރާތްތަކާމެދު ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަކީ ނުހަނު މުހިންމުވެފައިވާ ކަމެއްކަމުގައި ދަންނަވަމެވެ." ކޮމިޝަނުގެ ބަޔާނުގައިވެ އެވެ.
އަދި، ބިދޭސީ މަސައްކަތްތެރިންނާމެދު ހިންގާ ހިއުމަން ޓްރެފިކިންގ އަމަލުތައް ބަލައި، އެކަން ކުރާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ހާޒިރުކޮށް، ގާނޫނީގޮތުން ދޭންޖެހޭ އެންމެ ހަރުކަށި އަދަބުދީ، މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގާނޫނު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
".. ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާއި އެފަރާތްތަކަށް ދިމާވާ އިންސާނީ ހައްގުތަކާގުޅުންހުރި މައްސަލަތައް ބެލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއައްސަސާތަކުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ފާހަގަކުރަމެވެ." ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އޭގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނަކީ ދިވެހިންގެ ދިރިއުޅުމާ ނުހަނު ލާމެހި ގުޅިފައިވާ ބަޔަކަށް ވީހިނދު، އެފަރާތްތަކާ މުހާތަބުކުރުމުގައި އިހްތިރާމާއެކު މުހާތަބުކޮށް އެފަރާތްތަކަށް ވެސް ދޭންވާ އިހްތިރާމާއި ގަދަރު ދިނުމަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި، ބިދޭސީ މަސައްކަތްތެރީންގެ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުވައި އެފަރާތްތަކުގެ އިންސާނީ ހައްގުތަކަށް އިހްތިރާމްކުރުމުގެ ސަގާފަތެއް ގާއިމުކޮށް، ބިދޭސީ މަސައްކަތްތެރީންގެ އިންސާނީ ކަރާމަތަށް އުނިކަން އަންނަ ގޮތަށް ހިންގާ އަމަލުތައް މުޖުތަމައުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މަދަނީ މުޖުތަމައާއި މީޑިއާގެ ދައުރު މިހާރަށްވުރެ ފުޅާކުރުމުގެ މުހިންމުކަން ވަނީ ފާހަގަކޮށްފައެވެ.