18 Dec 2016, 09:17
ޖަކާޓާ (ޑިސެމްބަރު 18): އިންޑޮނޭޝިއާ އެއާފޯސްގެ ބޯޓެއް އެގައުމުގެ ޕަޕުއާ ޕްރޮވިންސަށް ވެއްޓި، ބޯޓުގައި ތިބި 13 މީހުން މަރުވެއްޖެ އެވެ.
އެއާފޯސްގެ ޗީފް އޮފް ސްޓާފް އޭގަސް ސުޕްރިއަޓްނާ ވިދާޅުވި ގޮތުގައި ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ލަފާ ކުރެވެނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އޮފިޝަލުން ބުނި ގޮތުގައި އެ ހާދިސާގައި މަރުވީ ތިން ޕައިލެޓުންނާއި 10 ސިފައިންނެވެ.
ޕަޕުއާ ޕްރޮވިންސުގެ ޓިމިކާ އިން ވަމޭނާއަށް ކާބޯތަކެތި ގެންދިޔަ ހާކިއުލެސް ސީ-130 މަރުކާގެ އެބޯޓު ވެއްޓުނީ ވަމޭނާ ކައިރިއަށެވެ. އެ ހާދިސާގައި މަރުވި މީހުންގެ ހަށިގަނޑު ވަމޭނާއަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސާޗް އެންޑް ރެސްކިއު ޓީމުން ބުންޏެވެ.
މިދިޔަ އަހަރު ވެސް އިންޑޮނޭޝިއާ އެއާފޯސްއަށް ނިސްބަތްވާ އެމަރުކާގެ ބޯޓެއް ވެއްޓިފައިވެ އެވެ. އެ ހާދިސާގައި ބޯޓުގައި ތިިބި 121 މީހުންގެ އިތުރުން ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 22 މީހަކު މަރުވެފައިވެ އެވެ. (ބީބީސީ)