ސަރުކާރުން 100 ޕަސަންޓް ހިއްސާވާ މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑް )އެމްއެންއެސްއެލް(ގެ ސިންގަޕޫރު އޮފީސް ހިންގުން އެގައުމުގައި މިވަގުތު ހުންނެވި ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދާ އެ ކުންފުނިން ހަވާލުކޮށްފި އެވެ.

އެމްއެންއެސްއެލްގެ މެނޭޖިން ޑައިރެކްޓާ އަހުމަދު ހަމީދު މިއަދު ވިދާޅުވީ، އެ އޮފީހުގެ ޑިރެކްޓަރަކަށް އަބްދުﷲ ސައީދު މި މަހުގެ 6 ވަނަ ދުވަހު ހަމަޖެއްސީ ކުރިން އެމަގާމުގައި ހުންނެވި އަލީ ނަސީރު އިސްތިއުފާދެއްވުމާ ގުޅިގެން ކަމަށެވެ. އަދި އެ އޮފީހަކީ ބަންދުކުރަން އުޅޭ އޮފީހެއް ކަމަށްވީ ނަމަވެސް، އެތަން ބަންދުކުރެވެންދެން ވެސް ޑިރެކްޓަރަކު ހުންނަން ޖެހޭތީ އަބްދުﷲ ސައީދު އެ މަގާމަށް އެޕޮއިންޓް ކުރެއްވީ ކަމަށް ހަމީދު ވިދާޅުވި އެވެ.

އަބްދުﷲ ސައީދަށް އެމަގާމަށް ހުށަހެޅުއްވުމުގެ ކުރިން އެމްއެންއެސްއެލް އިން ވަނީ ސިންގަޕޫރު އޮފީސް ކުރިން ހިންގެވި މުހައްމަދު މޫސާ މަނިކު )އެމްއެމް( އަށާއި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ނައިބުގެ މަގާމުގައި ހުންނެވި މުހަންމަދު އިބްރާހީމް ދީދީ )މޮޑީ( އަށް އެމަގާމު ހުށަހެޅުއްވާފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ސިންގަޕޫރުގައި ހުންނަ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ )އެމްއެންއޯސީ(ގެ ޗެއާމަންގެ މަގާމު ވެސް ފުރުއްވާ އަބްދުﷲ ސައީދާ އެމްއެންއެސްއެލްގެ އެ އޮފީސް ހިންގެވުން ހަވާލުކުރެއްވީ އެމްއެމް އާއި މޮޑީ އެ ހުށަހެޅުން ގަބޫލު ނުކުރެއްވުމުން އިތުރު އެއްވެސް "ޗޮއިސް"އެއް ނެތިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސިންގަޕޫރުގެ ކަމާބެހޭ ފަރާތުން ވަރަށް ޕްރެޝާ ކުރެއްވި އެމަގާމަށް މީހަކު އައްޔަންކުރަން. އެގޮތުން އަޅުގަނޑުމެން އެންމެ ފުރަތަމަ އޮފާކުރީ އެމްއެމް މަނިކަށް. އެކަމަކު އެމްއެމް ޕޯސްޓް ބޭނުމެއް ނުވި. ދެން މޮޑީއަށް ހުށަހެޅުމުން މޮޑީ ވެސް ގަބޫލެއް ނުކުރެއްވި. ދެން އަޅުގަނޑުމެންނަށް ނެތް އެއްވެސް ޗޮއިސްއެއް. އެހެންވީމަ، އަޅުގަނޑުމެންނަށް ]އޮފީސް އުވާލުމުގެ[ ކަންކަން ހައްލުކުރެވެންދެން އަބްދުﷲ ސައީދު އައްޔަންކުރެއްވީ،" ހަމީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އޮފީހުގެ ހަމައެކަނި މަސައްކަތަކީ ކްރެޑިޓަރުންނަށް ދައްކަން ޖެހޭ ފައިސާގެ ކަންތައް ހަމަޖައްސުން ކަމަށާއި އެ މަސައްކަތް ވެސް ކުރަމުންދަނީ މާލެއިން ކަމަށެވެ. އެހެންކަމުން އެ އޮފީހުގައި ކުރަން ޖެހޭ މާބޮޑު މަސައްކަތެއް ނޯންނާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.

ނަމަވެސް، ކުންފުނި ހިންގާ ފަރާތަށް މުސާރަ ދިނުމަކީ ލާޒިމް ކަމަކަށްވާތީ، އަބްދުﷲ ސައީދަށް މުސާރާގެ ގޮތުގައި މަހަކު 2000 ސިންގަޕޫރު ޑޮލަރު ނުވަތަ 25،000ރ. ދޭން ނިންމާފައިވާ ކަމަށެވެ.

އެމްއެންއެސްއެލްގެ ސިންގަޕޫރު އޮފީސް ހިންގެވުން ކެބިނެޓް ސެކްރެޓަރީ އަބްދުﷲ ސައީދާ ހަވާލުކުރެއްވި އިރު، ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މީޑިއާގެ ބައެއް ފަރާތްތަކަށް ދެއްވާފައި އިންޓަވިއުތަކުގައި ވިދާޅުވެފައި ވަނީ ސައީދު އަދި ވެސް ހުންނެވީ ކެބިނެޓް ސެކްރެޓަރީގެ މަގާމުގައި ކަމަށެވެ.

ކެބިނެޓް ސެކްރެޓަރީ ސިންގަޕޫރަށް މީގެ ދެތިން މަހެއް ކުރިން ވަޑައިގެންނެވީ، އޭނާގެ އަހުލާގީ ފެންވަރު ދަށް ވީޑިއޯއެއް ލީކުވެފައިވާ ކަމުގެ އަޑު ވަރަށް ބޮޑަށް ފެތުރި، އެ މަންޒަރުތައް އިންޓަނެޓުގައި އާއްމުވެފައިވަނިކޮށެވެ. އެ ވީޑިއޯތައް ލީކުވީ، ބަރަހަނާ މަންޒަރުތަކެއް ބޭނުންކޮށްގެން ދައުލަތުގެ އިސްވެރިން ބްލެކް މެއިލްކުރި މައްސަލައެއް ފުލުހުން ވަރަށް ސީރިއަސްކޮށް ތަހުގީގުކުރަމުން ދަނިކޮށެވެ.