18 Dec 2016, 09:39
ނ. އަތޮޅުގެ ރަށްރަށުގެ ސިވިލް ސާވިސްގެ އިދާރާތައް ހިނގަމުންދާގޮތް ބައްލަވައިލެއްވުމަށް ސިވިލް ސާވިސް ކޮމިޝަންގެ ރައީސް، ޑރ. އަލީ ޝަމީމް އެ އަތޮޅަށް ފުރާވަޑައިގެންފިއެވެ.
ޑރ. ޝަމީމްގެ ދަތުރުފުޅުގައި ނ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ޒިޔާރަތް ކުރައްވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މައުލޫމާތު ދެއެވެ.
ޝަމީމްގެ ދަތުރުފުޅަކީ ނ. އަތޮޅުގެ ރަށްރަށުގެ ސިވިލް ސާވިސްގެ އިދާރާތައް ހިނގަމުންދާގޮތް ބެލުމާއި، އެ އިދާރާތަކުގައި މަސައްކަތްކުރާ ސިވިލް ސާވިސްގެ މުވައްޒަފުންގެ ކަންކަން ހުރިނެތްގޮތް ބެލުމާއި، މުވައްޒަފުންނާއި މަޝްވަރާކުރުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އެގޮތުން ކޮންމެ ރަށެއްގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުންނާއެކު ސެޝަންތަކެއް ބޭއްވުމަސް ވަނީ ހަމަޖެހިފައެވެ. އެ ސެޝަންތަކުގައި ސިވިލް ސާވިސް ކޮމިޝަނުގެ ދައުރާއި، މަސްއޫލިއްޔަތުތަކާއި އަދި ސިވިލް ސާވިސް ހަރުދަނާ ކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާބެހޭ ޕްރެޒެންޓޭޝަނެއް ދިނުމާއި، ސިވިލް ސާވިސް މުވައްޒަފުންނާއި ބައްދަލުކުރައްވައި ސިވިލް ސާވިސް ތަރައްގީކުރުމަށް ބޭނުންވާ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު، އެ ރަށްރަށުގެ ސިވިލް ސާވިސްގެ މުވައްޒަފުންގެ މަސައްކަތުގެ މާހައުލު ބައްލަވައިލެއްވުމާއި، ރަށްރަށުގެ ކައުންސިލްތަކާއެކު ވެސް މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
ސިވިލް ސާވިސް ކޮމިޝަނުން ނ. އަތޮޅަށް ކުރާ މި ދަތުރުގައި ކޮމިޝަނުގެ ރައީސްގެ އިތުރުން ކޮމިޝަނުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރު ހަސަން ޝިޔާމު ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ.