17 Dec 2016, 23:02
މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)ގެ ރައީސް ކަމަށް އަހްމަދު މަމްދޫހު (މަންޑޭ) އިންތިހާބުކޮށްފި އެވެެ.
ހުސްވެފައިވާ އެމްބީއޭގެ ރައީސް ކަމަށް މަންޑޭ އިންތިހާބުކޮށްފައި ވަނީ މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އެ އެސޯސިއޭޝަންގެ ބައި-އިލެކްޝަނުގައެވެ. މަންޑޭ ވަނީ އޮކްޓޯބަރު މަހު ބޭއްވި އިންތިހާބުގައި ވެސް ރައީސްކަމަށް ވާދަކޮށްފައެވެ. ނަމަވެސް އެ އިންތިހާބު މަންޑޭއަށް ކާމިޔާބުކުރެވިފައެއް ނުވެއެވެ.
އެމްބީއޭގެ ބައި-އިލެކްޝަނުގައި މަންޑޭ ވާދަކޮށްފައި ވަނީ އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ވިޝާމް ރަޝީދާއެވެ.
ބައި-އިލެކްޝަނުގައި 18 ކްލަބެއް ވޯޓުލާފައިވާ އިރު، ރައީސް ކަމަށް އިންތިހާބުކުރި މަންޑޭއަށް ލިބިވަޑައިގަތީ 17 ވޯޓެވެ. އަދި ވިޝާމަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ. ބައި-އިލެކްޝަން ކާމިޔާބުކުރެއްވި މަންޑޭ އަކީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅާ އެވެ.
އެމްބީއޭގެ ރައީސްކަމުގެ މަގާމު ހުސްވެފައި ވަނީ މިދިޔަ އޮކްޓޯބަރު އެ އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގައި ރައީސްކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ހޮވިވަޑައިގެންނެވުމާއެކު އޭނާ އިސްތިއުފާ ދެއްވުމުންނެވެ.