ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ސްޓާވޯސް ބޭނުންކޮށްގެން ރާއްޖެ އިސްތިހާރުކުރަން ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ސްޓޫޑިއޯ އައިލެންޑެއް ހެދުމަށް ވިސްނަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މޯލްޑިވިއަންގެ 20 ވަނަ މަތިންދާ ބޯޓު ގެނައުން ފާހަގަ ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ސްޓާވޯސްގެ ސަބަބުން ޔޫރަޕްގެ މާކެޓަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓު ރައީސް ޔާމީންގެ ވިސްނުންފުޅާ އެއްގޮތަށް ޖާގަ އިތުރުކުރާއިރު، ޓޫރިޒަމް ފުޅާ ކުރަންޖެހޭ ކަމަށާއި، އެގޮތުން ސްޓާވޯސް ބޭނުން ކޮށްގެން ރާއްޖޭ އިސްތިހާރު ކުރަމުންދާ ކަމަށެވެ.

"އެމްއެމްޕީއާރުސީން ބައެއް ބްލޮގާސް ލައްވައި ހުންނާނެ މިހާރު ލިޔެފަ އެފިލްމާ، ފިލްމުގަ ދައްކާ ލޮކޭޝަންތަކާ، އިޝްތިހާރު ކުރުމުގެ މަސައްކަތް އެބަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިހާރުވެސް ބޮލީވުޑްގެ ބައެއް ޕްރޮޮޑިއުސަރުން ރާއްޖޭގައި ފިލްމު ޝޫޓުކުރުމަށްް ވާހަކަ ދައްކަމުންދާ ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ، އަބަދުވެސް ޔޫރަޕްގެ މާކެޓުތަކުން އަޅުގަނޑުމެންނަށް ގްރޯތު އެބަލިބޭ. އަދި މިފިލްމާއެކު [ސްޓާވޯސްއާ އެކު] ކުރިއެރުން ލިބޭނެ ކަމަށް މިބަލަނީ. މިހާރު އަޅުގަނޑުމެންނާއެކުގައި ވާހަކަދައްކަމުން އެބަދޭ ބޮލީވުޑްގެ ބައެއް ޕްރޮޑިއުސަރުންވެސް ރާއްޖޭގައި ފިލްމު ޝޫޓުކުރުމަށްޓަކައި،" މިނިސްޓަރު ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ރާއްޖޭގައި ފިލްމު ޝޫޓުކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ ގޮތް ބަލަމުންދާ ކަމަށާއި، އެގޮތުން ސްޓޫޑިއޯ އައިލެންޑެއް ހެދުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ.

"ސްޓޫޑިއޯ އައިލެންޑެއް ހެދުމުގެ ވިސްނުމެއް އެބަ އޮތް، ސަރުކާރުގެ. ރާއްޖެއަކީ ވަރަށް ޔުނީކް ޑެސްޓިނޭޝަނެއް ދުނިޔޭގެ ޓޫރިޒަމް މާކެޓުގަ. އެހެންވީމާ އަޅުގަނޑުމެން ދޭންޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އަދި ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި މިފަދަ ހުރިހާ ކަމެއް ކުރަމުން ގެންދާނަން. އެގޮތުން އަޅުގަނޑުމެން ހަމަ ވަރަށް އެންކަރޭޖް ކުރާނަން އަދިވެސް މިފަދަ ފުރުސަތުތައް، ފިލްމު އުފައްދާ ފަރާތްތަކަށް ދިނުމަށްޓަކައި." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ނަގާފައިވަނީ ސްޓާވޯސް ރޯގްވަންގެ ބައެއް މަންޒަރުތަކެވެ. އެގޮތުން ލ. ބަރެސްދޫ އާއި ލ. އަތޮޅުގެ ބައެއް ފަޅު ރަށްރަށުގައި މަންޒަރުތައް ނަގާފައިވާއިރު، އެ ފިލްމުގައި ދިވެހި ސިފައިންވެސް ހަރަކާތްތެރިވެފައިވެ އެވެ.