ދަތުރުވެރިންގެ މާރުކޭޓް ކުރިމަތިން ޕްލާސްޓިކް ވަށިތަކެއް އަތުރައިގެން ތިބި ބައެއްގެ ގާތަށް ގިނަ ބަޔަކު ޖަމާވެފައި އޮތެވެ. އެމީހުންގެ ސަފުތައް މަސް މާރުކޭޓާ ހަމައަށް ވަނީ ދަމާލާފައެވެ. ވަކި ތަރުތީބަކުން އެމީހުން އަތުރާފައިވާ ވަށިތަކުގައި ވިއްކަން ހުރީ ދޮންވެ ފައްކާވެފައިވާ އަނބެވެ. އެއްކޮށް ސަރާސަރަށް ދޮން އަނބުގެ ވަށިތައް އަތުރާފައި ހުރުމުން ހީވަނީ އެކީއެކަށް ރީނދޫ ދަވާދުލާފައިވާހެނެވެ.

"ފުވައްމުލަކު ދޮން އަނބު، ހެޔޮ އަގުގައި،" އެއިން ކޮންމެ މީހެއްގެ ގާތުގައި ހުއްޓޭއިރަށް ވެސް ފުރަތަމަ ބުނަނީ އެހެނެވެ. ގިނަ ބަޔަކު ދަންނަ ފުވައްމުލަކު ދޮންއަނބުގެ ވާހަކަ އެވެ.

" މިކޮޅުން ދެރުފިޔާ ބަޔަށް، މިއީ ތިނަކަށް. މީ ހަތަރަކަށް، މީ ހަޔަކަށް،" ގަޑީގެ ކަށި އެނބުރޭ ގޮތަށް ވަށިގަނޑުގައި އަތުރާފައިވާ އަނބުގެ އަގު ކިޔައި ދެމުން އަނބު ވިއްކާ މީހާ ކިޔައިދިނެވެ.

ދޮން އަނބު ތިޔާގިވެފައިވާއިރު ބަނދަރުމަތީގައި އަނބު ވަށިތައް އަތުރައިގެން ތިބި އެންމެންވެސް އަނބު ވިއްކަނީ ގާތްގަނޑަކަށް އެއް އަގެއްގަ އެވެ.

އަނބު ވިއްކަން އިން ފުވައްމުލަކު ޒުވާނަކު ބުނީ އަނބެއް ހަ ރުފިޔާ އަށް ކަމަށާއި އެއްކޮށް ނަގާނަމަ އަނބެއް ހަތަރަކަށް ކަމަށެވެ. އެއަށްވުރެވެސް އަގު ތިރިކުރޭތޯ "ބާގެއިން" ކޮށްގެންވެސް އަގު ތިރި ނުކުރުމުން އޭނާ ވަށީގައި ހުރި އަނބުކޮޅު އެކަށް ގަނެލި މީހަކާވެސް ދިމާވި އެވެ. އަގު ތިރި ނުކުރި ނަމަވެސް ބާޒާރުގައި އަނބު ވަނީ ވަރަށް ބޮޑަށް ތިޔާގިވެފަ އެވެ. އެކަކު ބުނީ އެހެން ހުރިހާ އެއްޗެއް އަތްފޯރާ ފަށަށްވުރެ ދުރުގައި ހުއްޓަސް މިވަގުތަށް އަނބު ހުރީ އަތްފޯރާ ފަށުގައި ކަމަށެވެ.

"އަނބު މިހުރީ އަތްފޯރާ ފަށުގައި،" އެމީހާ ގޮވަމުން ދިޔަ އެވެ.

ފުވައްމަކުން އަނބު ގެނެސްގެން އުޅޭ މީހުން ބުނީ އެ އަތޮޅުގެ އަނބު މޫސުމުގައި އެޅި ހުރިހާ އަނބެއް މާލެ ގެނެސްފައިވާ ކަމަށާއި މުލަކުން މިވަގުތަށް އަނބު ހުސްވެފައިވާ ކަމަށެވެ.

"މިފަހަރު ރޯދައަށްވެސް ދެން އަނބެއް ނުލިބޭނެ " ދަނޑުވެރިޔަކު ބުންޏެވެ. " ދެން ރަށުން އަނބު ލިބޭވަރުވާނީ އަހަރެއްހާ ދުވަސް ފަހުން" އޭނާ ބުންޏެވެ.

ފުވައްމުލަކު ދަނޑުވެރިންގެ އަނބު ހިފައިގެން މާލެ އައި ނާރެސް ބޯޓުން މިފަހަރު ފަސް ލައްކަ އެއްހާ އަނބު މާލެ ގެނައި ކަމަށް ދަނޑުވެރިން ބުނެ އެވެ. ގިނަ މީހުން އަނބު ގެނެސްގެން މާލޭގައި ވިއްކަނީވެސް ރަށުން ގަނެގެނެވެ. ބައެއް މީހުން ބުނީ އަނބު ވިއްކައިގެން 20،000ރ. އާއި 30،000ރ. ދެމެދުގެ އަދަދެއް ފައިދާއަށް ލިބޭނެ ކަމަށެވެ. މަންޒަރު ބަލަން ހުރެފައި އަހަންނަށްވެސް އަނބެއް ނުގަނެ ފަރަކު ނުޖެއްސުނެވެ. އަތްފޯރާފަށުގައި ހުރުމުންނެވެ.