އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ ރާއްޖޭގެ އިމާމުންނާއި ޚަތީބުން ތާޒާ ކުރުމުގެ ދެވަނަ ބައްދަލުވުން އައްޑޫ ސިޓީގައި ފަށައިފިއެވެ.

ޒަމާނަށް އަންނަ ބަދަލުތަކަށް ރާއްޖޭގެ މިސްކިތްތަކުގައި މަސައްކަތްކުރާ އިމާމުންނާއި ހަތީބުން އަހުލުވެރި ކުރުވައި އެކަމަށް ބޭނުންވާ ފަންނު ދިރުވާ އާލާކުރުމުގެ ބޭނުމުގައި އިސްލާމިކް މިނިސްޓްރީން ކުރިއަށްގެންދާ އެ ޕްރޮގްރާމްގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިދިޔަ މަހުގެ ތެރޭގައި މާލޭގައެވެ.

އައްޑޫ ސިޓީގައި ހުންނަ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި މިރެއާ މާދަމާ ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި މުޅި އައްޑޫ ސިޓީން 50 އަށްވުރެ ގިނަ އިމާމުންނާއި ޚަތީބުން ބައިވެރިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ބައްދަލުވުމުގައި ގުރުއާނާއި، ފިގުހުގެ އިތުރުން ޚުތުބާ ކިއުމުގެ ހުނަރާއި، މިސްކިތް މެނޭޖްމެންޓުގެ ދާއިރާއަކުން ބައިވެރިވާ އިމާމުންނާއި ޚަތީބުންނަށް މައުލޫމާތުދޭނެއެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލު މުހައްމަދު އަހުސަން އަހުމަދު ވިދާޅުވީ، އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެފަދަ އިތުރު ބައްދަލުވުމެއް ފުވައްމުލައް ސިޓީގައި ބޭއްވުމަށް ރާވަމުންދާއިރު އަންނަ އަހަރުގެ ކުރީކޮޅު ލ. އަތޮޅުގެ އިމާމުންނާއި ޚަތީބުނަށް އަމާޒުކޮށްގެން ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މާލޭގައި ބޭއްވި އިމާމުންނާއި ހަތީބުން ތާޒާކުރުމަށް ބޭއްވި ފުރަތަމަ ބައްދަލުވުމުގައި 55 އަށް ވުރެ ގިނަ އިމާމުންނާއި ޚަޠީބުން ބައިވެރިވެ ސެޓްފިކެޓް ހާސިލް ކޮށްފައިވެ އެވެ.