17 Dec 2016, 20:34
ގައުމީ އެއާލައިން، މޯލްޑިވިއަންގެ 20 ވަނަ މަތިންދާ ބޯޓު ރާއްޖެ ގެނެސްފި އެވެ.
ނިއުޒީލެންޑުން ފުރައިގެން އައި ޑޭޝް އަށެއް މަރުކާގެ ބޯޓު މާލޭ އެއާޕޯޓަށް ޖައްސާފައިވަނީ މިއަދު ހަވީރު 16:20 ހާއިރު އެވެ. އެއީ 50 މީހުންގެ ޖާގައިގެ ބޯޓެކެވެ.
އެ ބޯޓު ރާއްޖެ ގެނައުން ފާހަގަ ކުރުމަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި، އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ބާގިރުގެ އިތުރުން އައިލޭންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސްވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އައިއެންއައިއޭގެ ވީއައިޕީ ލައުންޖުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި އައިލޭންޑް އޭވިއޭޝަނަށް ވަރަށް ބޮޑު ކުރިއެރުންތަކެއް ގެނެސްދީފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވުމުގެ ކުރިން އައިލޭންޑް އޭވިއޭޝަނުގައި އޮތީ އެންމެ ހަ އެއާކްރާފްޓް ކަމަށާއި، ނަމަވެސް މިހާރު އެއަދަދު ވިއްސަށް އިތުރުކޮށްފައިވާ ކަމަށެވެ.
"ރައީސް ޔާމީން ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި އިރު އޮތީ ހަ އެއާކްރާފްޓް. މިހާރު މިވަނީ މިއަހަރު ނިމުމުގެ ކުރިން 20 އެއާކްރާފްޓް. ހަމައެއާއެކު މީގަ އެންމެ ބޮޑަށް ފައިދާވަނީ ޓޫރިޒަމް އަށް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ހަފްތާއަކު 1000 ޓޫރިސްޓުން ރާއްޖެއިން ބޭރުން އަންނަ ކަމަށާއި، އެ ޓޫރިސްޓުން އަތޮޅުތެރެއަށް ޓްރާންސްފާ ކުރުމަށް މިއަދު ގެނައި ބޯޓުގެ ސަބަބުން ފަސޭހަވެގެން ދާނެ ކަމަށެވެ. އަދި އޭގެ އިތުރުން ދިވެހިންގެ ދަތުރުތަކަށްވެސް އިތުރު ފަސޭހައެއް ލިބޭނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފޮޓޯ: އިހްތިޝާމް މުހައްމަދު
"ދިވެހިންގެ ދަތުރުފަތުރަށްވެސް ވަރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ. އެނގިވަޑައިގަންނަވާނެ މިހާރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ނިމި ރާއްޖެއިން ބޭރުން އެއާކްރާފްޓުތައް ޖައްސާ އެބަ، ބޭރުން ޝެޑިއުލް ފްލައިޓްތައް އެބަ ޖައްސާ. މިހުރިހާ އިގްތިޞާދީ ގޮތުން މިގެންނަވާ ބަދަލުތައް އަސްލުގަ ކުރިއަށް ގެންދިއުމަށްޓަކައި އައިލެންޑް އެވިއޭޝަނުން މިކުރައްވާ މަސައްކަތްތައް ފާހަގަކުރަން ޖެހޭ،" ޒަމީރު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ހާރިސް ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އެކި ދިމާލަށް ދާއިރު ޚަރަދު ކުޑަކޮށް ދަތުރުކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭނެ ކަމަށެވެ.
"މާލެކައިރީގެ ހުރިހާ ރަށްތައް ގާތްގަނޑަކަށް ޓޫރިޒަމް އަށް ފުރިފަ މިއޮތީ. ރާއްޖޭގެ އެކިދިމާލަށް މިހާރު ޓޫރިޒަމް ދާއިރު ރަނގަޅު ކޮސްޓު އިފެކްޓިވް ޓްރާންސްޕޯޓު ސިސްޓަމެއް ގާއިމް ނުކުރެވިއްޖެއްޔާ އޭގެ ޗެލެންޖެސްތަކެއް އަންނާނެ،" ހާރިސް ވިދާޅުވި އެވެ.