17 Dec 2016, 17:33
ވޮޝިންޓަން (ޑިސެމްބަރު 17): އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ވެރިކަން ވައްޓާނުލައި އޭނާ ވެރިކަމުގައި ބެހެއްޓި ނަމަ މާރަނގަޅުވީސް ކަމަށް ސައްދާމާ ސުވާލު ކުރެއްވި ސީއައިއޭގެ ކުރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ދެހާސްތިން ވަނަ އަހަރު އެމެރިކާ ކޯލިޝަނުން ސައްދާމް ހައްޔަރު ކުރި ފަހުން އޭނާއާ ސުވާލު ކުރެއްވި ސީއައިއޭގެ އޮފިސަރު ޖޯން ނިކްސަން ވިދާޅުވި ގޮތުގައި ސައްދާމް ވަނީ އިރާގުގައި ވެރިކަން ކުރަން އެމެރިކާއިން ފެއިލް ވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.
"ސައްދާމާ ސުވާލު ކުރުމުން އޭނާ ވިދާޅުވި 'ތިމީހުން ފެއިލް ވާނެ. ތިމީހުންނަށް އެނގޭނެ އިރާގުގައި ވެރިކަން ކުރުމަކީ ފަސޭހަ ކަމެއް ނޫންކަން.' އެފަދައިން ދެކިވަޑައިގަންނަވަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވި، ތިމީހުން ފެއިލް ވާނީ ތިމީހުންނަށް އިރާގުގެ ބަހާއި، ތާރީހާއި، އަރަބިންގެ ވިސްނުން ނޭނގޭތީ،" ސައްދާމާ ކުރެއްވި އިންޓަވިއުއާ ބެހޭ ގޮތުން ނިކްސަން ވިދާޅުވި އެވެ.
ސައްދާމްގެ އިންޓަވިއު ހިމަނައިގެ ލިޔެފައިވާ، މިމަހު ނެރުމަށް ހަމަޖައްސާފައިވާ ނިކްސަންގެ ފޮތުގައިވާ ގޮތުން އޭނާ އެވާހަކަތައް މިހާރު ގަބޫލު ކުރައްވަ އެވެ. އަދި ތަފާތު ނަސްލުތައް ހިމެނޭ އިރާގުގައި ހައްދުފަހަނަ އެޅުމާއި އީރާނުގެ ޝީއީ ވެރިކަމުން އިރާގު ރައްކާތެރި ކުރުމަށްޓަކައި ސައްދާމް ފަދަ ހަރުކަށި ލީޑަރެއް ބޭނުންވާ ކަމަށް އެނާ ގަބޫލު ކުރައްވަ އެވެ. އަދި މިހާރު އިރާގުގައި އޮތް ޝީއީ ވެރިކަމުގައި އައިއެސް ފުޅާވެގެން ދިޔަ ގޮތަށް ސައްދާމްގެ ވެރިކަމުގައި އައިއެސް ފުޅާވެގެން ނުދިޔައީސް ކަމަށް ނިކްސަންގެ ފޮތުގައިވެ އެވެ.
އެމެރިކާގެ ރައީސް ބަރަކް އޮބާމާ އާއި އަންނަ މަހު ވެރިކަމުގެ ހުވާ ކުރައްވާނެ ޑޮނަލްޑް ޓްރަމްޕް ވެސް ގަބޫލު ކުރައްވާ ގޮތުގައި އެމެރިކާއިން 2003 ވަނަ އަހަރު އިރާގަށް އަރައިގަތުން އެއީ ރަނގަޅު ނިންމުމެއް ނޫނެވެ. (އޭޕީ)