17 Dec 2016, 15:51
އދ. ދަނގެތީގައި ތޫނު އެއްޗަކުން ހަމަލާދީ ދެ ބިދޭސީން ޒަހަމްކޮށްލި މައްސަލައިގައި، ކުޑަ ފިރިހެން ކުއްޖަކާއި އިތުރު ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ދަނގެތީގައި ދެ ބިދޭސީ އަކަށް ހަމަލާ ދީގެން ފުލުހުންނަށް މައްސަލަ ރިޕޯޓުކޮށްފައި ވަނީ ރޭ ފަތިހު 5:30 ހާއިރު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ އެ މައްސަލައާ ގުޅިގެން 17 އަހަރާއި 27 އަހަރުގެ ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ.
ފުލުހުން ބުނީ މިހާރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ އުމުރުން 30 އަހަރާއި 50 އަހަރުގެ ބަނގުލަދޭޝްގެ ދެ މީހުންނަށެވެ.
ދެ މީހުންނަށް ވެސް ދަނގެތީ ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން އަންނަ އިރު، 30 އަހަރުގެ މީހާގެ ކޮލަށާއި ދެ ކޮޑަށް ޒަހަމްތަކެއް ލިބިފައިވާއިރު 50 އަހަރުގެ މީހާގެ ބޮޮލަށާއި އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް ދެ މީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދެ އެވެ.