ހއ. ފިއްލަދޫ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ވިޖާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މާދަމާއަށް އެޖެންޑާކޮށްފި އެވެ.

ޑީއާރްޕީއަށް ނިސްބަތްވާ ވިޖާންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް އެޖެންޑާކޮށްފައި މި ވަނީ ފިއްލަދޫގައި ބަޔަކު ބަކަރިތަކަކާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި މީޑިޔާ އަށް އޭނާ މައުލޫމާތު ދެއްވި ގޮތާމެދު ހިތްހަމަނުޖެހިގެންނެވެ.

ފިއްލަދޫން ވާހަކަ ދެއްކި މީހަކު ބުނީ ރަށުގެ އަގު ވެއްޓޭ ގޮތަށް ވިޖާން މައުލޫމާތު ދީފައިވާތީ މިހާރު އެ ރަށުގެ އަގު ހިފެހެއްޓޭނެ ހަމައެކަނި ގޮތަކީ ވިޖާން ކައުންސިލުން "ބޭރުކުރުން" ކަމަށެވެ.

"ވިޖާންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުން އަޅުގަނޑުމެންނަށް އޮތް ހަމައެކަނި ގޮތަކީ. ރަށުގެ އަގު ވަރަށް ބޮޑަށް ވެއްޓޭ ގޮތަށް ވިޖާން މީޑިޔާއަށް މައުލޫމާތު ދެއްވާފައި ވަނީ،" އޭނާ ބުންޏެވެ.

ވިޖާންގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މިއަދު ވެސް ކައުންސިލަށް ހުށަހަޅާފައިވެ އެވެ. ނަމަވެސް އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގެނީ ކައުންސިލްގެ ހުރިހާ މެންބަރުން ހާޒިރުވެގެން ކަމަށްވާ އިރު މިއަދު އެއް މެންބަރަކު ހާޒިރުނުވުމުން އެ ވޯޓް ވަނީ ނެގޭ ގޮތް ނުވެފަ އެވެ. އެކަމަކު ވިޖާންގެ މައްސަލަ ވަނީ މާދަމާއަށް އެޖެންޑާކޮށްފަ އެވެ.

ސަން އޮންލައިނުން ވިޖާނަށް ގުޅުމުން ވިދާޅުވީ މިވަގުތު ކޮމެންޓެއް ކުރައްވަން ބޭނުންނުވާ ކަމަށެވެ.