17 Dec 2016, 13:44
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން އިސްލާމިކް ކަލްޗަރަލް ޓުއާގެ ނަމުގައި، އުމްރާ ދަތުރަކާ އެކު ތާރީހުގައި ފާހަގަކޮށްލެވޭ އިސްލާމީ ތަންތަނާއި ބިނާތައް ދައްކުވައިދޭ ޓުއާ ޕެކޭޖެއް ތައާރަފްކޮށް، ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ދަތުރަކީ މުސްލިމުންގެ ތިން ޙަރަމް ކަމުގައިވާ މަސްޖިދުލް ޙަރަމް (މައްކާ)، މަސްޖިދުއްނަބަވީ (މަދީނާ) އަދި މަސްޖިދުލް އަޤްޞާ (ފަލަސްތީން) އަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރެއް ކަމަށެވެ.
އެ ދަތުރުގައި ތިން ޙަރަމަށް ޒިޔާރަތްކުރުމުގެ އިތުރުން ސަޢޫދީ ޢަރަބިއްޔާ، މިސްރު، އުރުދުން (ޖޯޑަން) އަދި ފަލަސްތީނުގައި ހުރި އިސްލާމީ ތާރީހާއި ގުޅުންހުރި މުހިއްމު ބައެއް ތަންތަން ބަލައިލުމުގެ ފުރުޞަތު ވެސް ލިބިގެންދާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
ދަތުރުގެ މައުލޫމާތު ހާމަކޮށް ހައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، މުޅި ދަތުރަށް 21 ދުވަސް ނަގާނެ ކަމަށެވެ. އެގޮތުން ސައުދީ އަރަބިއްޔާގެ މައްކާގައި ނުވަ ދުވަސް، މަދީނާގައި ދެ ދުވަސް، މިސްރުގައި ފަސް ދުވަސް، އުރުދުން (ޖޯޑަން)ގައި ދެ ދުވަސް އަދި ފަލަސްތީނުގައި ތިން ދުވަސް މަޑުކުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އެ ދަތުރަށް ފުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރު މާޗް މަހުގެ ފަސްވަނަ ދުވަހު އެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ދަތުރުގެ ޕެކޭޖްގައި ހިމަނާފައިވާ އަގުގެ އިތުރުން އެހެނިހެން ކަންކަމުގައި އެއްވެސް އަގެއްނެތި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ޢުމްރާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ ހުރިހާ މަންޒިލްތަކެއްގެ ދަތުރު ހަރަދު ދިނުމާއި އުމްރާ ވިސާ އާއި އުމްރާ ތަމްރީން ޕްރޮގްރާމް، ވެކްސިން ޖެހުމުގެ ހިދުމަތް، ދެ ޢުމްރާ ކުރުމުގެ ފުރުސަތު، 21 ދުވަހުގެ ހުރުމާއި ކެއުމުގެ އިތުރުން އުމްރާ ކިޓާއި އެހެނިހެން ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އެ ޕެކޭޖުގެ އަގަކީ 49965 ރުފިޔާ އެވެ. ހަތަރު މީހުންނަށް ވުރެ ގިނައިން ރަޖިސްޓަރީކުރާ ގްރޫޕަކަށް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތުދެ އެވެ.
ޢުމްރާއަށް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހަޅާފޯމްފުރުމަށް ފަހު އެ ކޯޕަރޭޝަނާއި މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބްރާންޗްތަކަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. ރަޖިސްޓްރީކުރާއިރު ފޯމާއި އެކު މަދުވެގެން 20000 ރުފިޔާ ދައްކަވަންވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ރަޖިސްޓްރީކުރުމާއި ފައިސާ ދެއްކުމުގެ އެންމެ ފަހު ތާރީޚަކީ 31 ޖެނުއަރީ 2017 ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ. އިސްވެ ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ފައިސާ ދެއްކެވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަހުންމަހަށް ނުވަތަ ބައިބަޔަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އިންތިޒާމް ވެސް ހަމަޖައްސައިދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.