އދ. ދަނގެތީގައި ބިދޭސީ ދެމީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެ ހާދިސާ ހިނގިކަން "ސަން" އަށް ކަށަވަރު ކޮށްދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ދެ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ ރިޕޯޓެއް ރޭ ދަންވަރު 5:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާތީވެ އެމީހުންނަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް އޮފިޝަލު ވިދާޅެއްނުވެއެވެ.

ނަމަވެސް ދަނގެތީ ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ހުސެން ވިދާޅުވީ، ރޭ ހިނގި އެ ހާދިސާގައި ޒަހަމްތަކެއް ލިބިގެން ގެނައި، އުމުރުން 30 އަހަރާއި 50 އަހަރުގެ ބަނގުލަދޭޝްގެ ދެ ރައްޔިތަކަށް އެ މަރުކަޒުން ފަރުވާ ދެމުން ގެންދާ ކަމަށެވެ.

އެ ދެމީހުންގެ ތެރޭން 30 އަހަރުގެ މީހާގެ ކޮލަށާއި ދެ ކޮޑަށް ޒަހަމްތަކެއް ލިބިފައިވާއިރު 50 އަހަރުގެ މީހާގެ ބޮޮލަށާއި އަތަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށާއި ނަމަވެސް ދެ މީހުންގެ ހާލު މިހާރު ސްޓޭބަލް ކަމަށް އައިޝަތު ހުސެން ވިދާޅުވިއެވެ.