އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއަށް ފާޑުކިޔަމުން ދަނީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަނުގެ ބަޔާން މިއުނިކަށް ގިނަ ކާމިޔާބީތަކެއް ހޯދައިދިނުމަށްފަހު މި ސީޒަނުގައި ސިޓީއާ ގުޅުނު ނަމަވެސް ގާޑިއޯލާއަށް އެ ކްލަބަށް އެންމެ އެދެވޭ ނަތީޖާތަކެއް ނެރެދެވިފައެއް ނުވެއެވެ. އެކަމާ ގުޅިގެން، ދެ ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކޯޗު ގާޑިއޯލާއަށް ގިނަ ބައެއްގެ ފާޑިކިޔުން ރައްދުވަމުންދެއެވެ.

ވެންގާ ބުނީ، ޖަޕާންގެ ކްލަބު ނަގޯޔާ ގްރެމްޕަސް އަށް ކޯޗުކޮށްދިނުމަށްފަހު 1996 ވަނަ އަހަރު އާސެނަލާ ގުޅުމާއެކު އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދިޔަ ކަމަށާއި އޭރާ އަޅައިބަލާނަމަ ގާޑިއޯލާއަށް މާބޮޑު ފާޑުކިޔުންތަކެއް އަމާޒުނުވާ ކަމަށެވެ.

"އަހަރެން ފުރަތަމަ ޕްރިމިއާ ލީގަށް އައިތާ ކުރީކޮޅު ވަރަށް ގިނައިން ނޫސްތަކަށް އަހަރެންގެ ވާހަކަ އަރާނެ. އޭރު އަލަށް ގުޅޭ ބިދޭސީ ކޯޗުންނަށް ވަރަށް ގިނަ އުނދަގޫތަކާ ކުރިމަތިވޭ. އެއާ ހިލާފަށް މިހާރު އެ އުނދަގޫތައް ކުރިމަތިވަނީ އިނގިރޭސި ކޯޗުންނަށް. ގާޑިއޯލާއަށް ފާޑުކިޔާތީ އަހަރެން ބައެއް ފަހަރު ހައިރާންވޭ. އަދި ބައެއް ފަހަރު ހައިރާނެއް ނުވޭ. އަހަރެން ގުޅުނު އިރު ލިބުމުންދިޔަ ފާޑުކިޔުންތަކާ އަޅައިބަލާނަމަ ބުނެވޭނީ ގާޑިއޯލާއަށް ފާޑުކިޔަނީ ވަރަށް ކުޑަކޮށޭ. އަހަރެން ހައިރާން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދި ކޯޗެއް ޕްރިމިއާ ލީގުގައި އުނދަގޫތަކާ ކުރިމަތިލާތީ،" އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގައި މާދަމާ ސިޓީން އާސެނަލާ ދެކޮޅަށް ނުކުންނާނެ އެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅޭ އެ މެޗަށް ނުކުންނައިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރު ވަނައިގައެވެ. ސިޓީއަށްވުރެ ޕޮއިންޓެއް އިތުރަށް ހޯދައިގެން ތިން ވަނައިގައި އޮތީ އާސެނަލެވެ. ލީގުގައި ސިޓީއާއި އާސެނަލް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައި ވަނީ ރާއްޖެގަޑިން މާދަމާ ރޭ 9:00 ގައެވެ.