އެމެރިކާގެ އެއްވެސް އެހީއެއް އަދި ފައިސާއެއް ބޭނުންނުވާ ކަމަށް ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓޭ ވަނީ ވިދާޅުވެފަ އެވެ.

ކެންބޯޑިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއް ނިންމަވާލެއްވުމަށް ފަހު އެނބުރި ގައުމަށް ވަޑައިގެން ބޭއްވި ނޫސްކޮންފަރެންސެއްގައި ޑުޓާޓޭ ވިދާޅުވީ އެމެރިކާ އިން ފިލިޕީންސްގެ ތަރައްގީ އަށް މާބޮޑު އެހީއެއް ނުދޭކަމަށާއި ދެނީ އަސްކަރީ އެހީތައް ކަމުގަ އެވެ. އަސްކަރީ އެހީ ދެނީ އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ފިލިޕީންސްގެ ބިމާއި އަސްކަރީ ބޭސްތައް ބޭނުންކުރުމުގެ މަގްސަދުގައި ކަމަށާއި އެކަމުގެ ސަބަބުން ހަގީގަތުގައި ފިލިޕީންސަށް ވަނީ ގެއްލުންކަމުގަ އެވެ. ޑުޓާޓޭ ވިދާޅުވީ އެމެރިކާއަކީ ތަރައްގީއާއި މަދަނީގޮތުން ކުރިއެރުމުގެ ބައިވެރިއެއްނޫން ކަމަށާއި އެމެރިކާ އަށް ދެން އޮތީ ފިލިޕީންސްގައިވާ އެމެރިކާގެ އަސްކަރީ ބޭހުން ފޭބުންކަމުގަ އެވެ.

މަލާމަތުގެ ރާގަކަށް އެމެރިކާއާ މުޚާތަބު ކުރައްވަމުން ޑުޓާޓޭ ވަނީ "ބައިބައި އެމެރިކާ، އެމެރިކާދޭ ފައިސާއެއް އަދި އެހީއެއް ވެސް އަހަރެމެން ބޭނުމެއްނޫން، އެމެރިކާ ފިލިޕީންސުން ފައިބަން ޖެހޭ ވަގުތު އައިސް ޖެހެނީ" ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ފިލިޕީންސާއި އެމެރިކާއާ ދެމެދުގައިވާ އަސްކަރީ މުއާހަދާ އުވާލުމުގެ ގަރާރު އޭނާގެ ސަރުކާރުން ކޮންމެވަގުތަކު ވެސް ނެރެފާނެ ކަމަށް ބަލައިގެން އެމެރިކާއަށް ދެން އޮތީ ފިލިޕީންސުން ފޭބުންކަމަށް ޑުޓާޓޭ ވިދާޅުވި އެވެ. އެމެރިކާގެ އެއްވެސް އެހީއެއް ބޭނުންނުވާކަން ބަޔާން ކުރައްވަމުން ޑުޓޭޓޭ ވިދާޅުވީ ފިލިޕީންސްގެ ތަރައްގީއަށް ބޭނުންވާ މަދަނީ އިސްވެސްޓްމެންޓްތައް ކޮށްދީ ތަރައްގީއަށް ބޭނުންވާ ލޯންތައް ލިބޭނެ ކަމުގެ ޔަގީންކަން ޗައިނާ ސަރުކާރުން ދީފައިވާކަމަށާއި އެމެރިކާގެ ފަރާތުން މިފަދަ ކަމަކަށް ޔަގީންކަން ނުލިބޭނެ ކަމުގަ އެވެ.

ފިލިޕީންސަކީ ވަރަށް ކުރީއްސުރެ އެމެރިކާއާ ވަރަށް ގާތްގުޅުންތަކެއް އުފައްދާފައިވާ ގައުމެކެވެ. ނަމަވެސް މިގުޅުންތަކުން ފިލިޕީންސަށްވީ ތަރައްގީގެ ފައިދާއެއްނެތް ކަމަށާ ފިލިޕީންސްގެ ތަރައްގީއަށް ބޭނުންވާ އިންވެސްޓްމަންޓްތަކާއި ލޯންތައް އެމެރިކާއިން ލިބުނު ނަމަ ފިލިޕީންސް މިއަދު އޮންނާނީ ތަރައްގީގެ ގޮތުން މިއަދުއޮތް ދަށު ދަރަޖައިގާ ނޫންކަމަށް ވެސް ޑުޓާޓޭ ވިދާޅުވި އެވެ.