ވޮޝިންޓަން(ޑިސެމްބަރު 17): ކޮންޓްރެކްޓަކާ ހިލާފުވި ކަމަށް ވިދާޅުވެ ޑޮނަލްޑް ޓްރަމްޕް، ސެލެބްރިޓީ ޝެފް ހޯސޭ އަންޑްރޭސްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ޓްރަމްޕްގެ ބަޔާން ނެގުމަށް ކޯޓަށް ހާޒިރުވާން އަމުރުކޮށްފި އެވެ.

އަންޑްރޭސްއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ވާ ގޮތުން އޭނާ ވަނީ ޓްރަމްޕްގެ އާ ލަގްޒަރީ ހޮޓެލުގައި ރެސްޓޯރެންޓެއް ހުޅުވުމަށް އެއްބަސްވުމަށް ފަހު އެކަން ނުކުރާނެ ކަމަށް ފަހުން ބުނެފައެވެ.

އަންދްރޭސް ބުނި ގޮތުގައި އޭނާ އެފަދައިން ނިންމާފައި ވަނީ މެކްސިކޯއިން އެމެރިކާއަށް ހިޖުރަކުރާ މީހުންނާ ބެހޭ ގޮތުން ރިޔާސީ ކެމްޕެއިން ތެރޭގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

އެމައްސަލައިގައި ބަޔާން ނަގަން ކޯޓަށް ޓްރަމްޕު ކޯޓަށް ހާޒިރުވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައެވެ. ބަޔާން ނެގުމަށް ހަތް ގަޑިއިރު ނަގާފާނެ ކަމަށް ކޯޓުން ބުނެފައިވާ އިރު ޓްރަމްޕްގެ ވަކީލުން ވަނީ އެ ވަގުތު ކުޑަ ކުރަން ނުވަތަ ބަޔާން ނެގުން ލަސް ކުރަން އެދިފައެވެ.

ނަމަވެސް ވޮޝިންޓަނުގެ ކޯޓުން ނިންމީ ބަޔާން ނެގުން ލަސްކުރުމަކީ އަންޑްރޭސްއަށް ލިބޭ ގެއްލުމެއް ކަމަށް ވެދާނެތީ ކޯޓަށް ހާޒިރުވާންވީ ދުވަހާއި ވަގުތަށް ބަދަލެއް ނުގެނައުމަށެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޓްރަމްޕް ވެރިކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 20ގައެވެ. (ސީއެންއެން)