ސްރީ ލަންކާގެ ކުންފުންޏަކަށް 900،000 ޑޮލަރު ނުދައްކައިގެން އެގައުމުގައި ހިފެހެއްޓި މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ ބޯޓު ލަންކާ ކޯޓުން ދޫކޮށްލުމުން މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނެސްފި އެވެ.

ލަންކާގެ މޯލް ޝިޕް ކުންފުންޏަށް ދައްކަން ޖެހޭ ފައިސާގެ މައްސަލާގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ކޮލޮމްބޯ އައުޓް ހާބަރުގައި ހިފެހެއްޓި އެމްއެންއެސްއެލްގެ "މޯލްޑިވް ސްޓާ" ދޫކޮށްލީ އެކުންފުނިން 800،000 ޑޮލަރުގެ ބޭންކް ގެރެންޓީ ލަންކާ ކޯޓުގައި ބެހެއްޓުމުން މި މަހުގެ 9 ވަނަ ދުވަހު އެވެ.

އެމްއެންއެސްއެލް އިން ބުނީ، ހައެބޯޓު ދުއްވުމަށް މިހާރު އެއްވެސް ހުރަހެއް ނެތް ކަމަށާއި މޯލް ޝިޕާ ޖެހުނު މައްސަލަ ހައްލުކުރާނީ އާބިޓްރޭޝަނުން ކަމަށެވެ.

އެމްއެންއެސްއެލް އިން ބުނާ ގޮތުގައި އެކުންފުނިން މޯލް ޝިޕަށް ދައްކަން ޖެހެނީ ގާތްގަނޑަކަށް 300،000 ޑޮލަރެވެ. އަދި އިތުރަށް ހޯދަން އެކުންފުނިން ދައުވާ ކުރާ ފައިސާ އަކީ އިންޓަރެސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ކަމަށް އެކުންފުނިން ބުނި ނަމަވެސް، އެއީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށް އެމްއެންއެސްއެލް އިން ބުނެ އެވެ.

އަށްހާސް ޓަނުގެ މޯލްޑިވްސް ސްޓާއަކީ މިހާރު އެމްއެންއެސްއެލްގައި އޮތް ހަމައެކަނި ބޯޓެވެ. ކުރިން އެކުންފުނިން އޮޕަރޭޓްކުރި ދެ ބޯޓު، "މޯލްޑިވް އެންޓަޕްރައިސަސް" އާއި "މޯލްޑިވްސް ކެރިއާ" މިހާރު ވަނީ ވިއްކާލައިފަ އެވެ.

މޯލްޝިޕްގެ އިތުރުން އެމްއެންއެސްއެލް ވަނީ އެހެން އޭޖެންޓް ކުންފުނިތަކަށް ވެސް ދަރައިފަ އެވެ. ސިންގަޕޫރުގައި ވެސް އެމްއެންއެސްއެލްގެ ދަރަނީގެ މައްސަލައެއް ކުރިއަށް އެބަދެ އެވެ.

ސަރުކާރުން ސަތެކޭ ޕަސަންޓު ހިއްސާވާ އެމްއެންއެސްއެލް 2007 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަނީ ބޮޑު ގެއްލުމެއްގެ ތެރޭގަ އެވެ. އެގޮތުން 2007 ވަނަ އަހަރު އެމްއެންއެސްއެލް އަށް 3.9 މިލިއަން ޑޮލަރުގެ ގެއްލުންވި އިރު، ޖެހިގެން އައި އަހަރު 6.7 މިލިއަން ޑޮލަރުގެ ގެއްލުން ވި ކަމަށް އޮޑިޓް ރިޕޯޓްތަކުން ދައްކަ އެވެ. އަދި ކުންފުނީގެ ދަރަނި 16.9 މިލިއަން ޑޮލަރަށް އަރާ ކަމަށް ވެސް އެމްއެންއެސްއެލްގެ 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.