17 Dec 2016, 10:20
ބޮލީވުޑްގެ މެގަ ސްޓަރ، އަމީތާބް ބައްޗަންގެ ކާފަ ދަރި، ނަވްޔާ ނަވޭލީ ނަންދާ އަކީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް އާންމުވެފައިވާ ކުއްޖެކެވެ. ނަވްޔާގެ އާއިލާ އަކީ ފިލްމީ ދާއިރާގައި ނަން ހިނގާ ކާމިޔާބު އާއިލާ އަކަށް ވުމުގެ އިތުރުން، ނަވްޔާ ސޯޝަލް މީޑިއާ ގައި އާންމު ކުރާ ފޮޓޯ ތަކުގެ ސަބަބުން، އޭނާ މިހާރު ބޮލީވުޑަށް ތައްޔާރު ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ނަމަވެސް ނަވްޔާގެ މަންމަ، ޝްވެތާ ބައްޗަން ނަންދާ އެކަމަށް އެއްބަހެއް ނުވެ އެވެ. ބައްޕަ އަމީތާބް އާއި މަންމަ ޖަޔާ ބައްޗަން އަދި ބޭބެ އަބީޝެކް އާއި ފަހަރި އައިޝްވާރްޔާ ފަދައިން، ޝްވެތާ އަކީ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ މީހެއް ނޫނެވެ. ނޫސްވެރިއެއްގެ އިތުރުން ޝްވެތާ އަކީ މޮޑެލް އެކެވެ.
އަދި ޝްވެތާގެ އަންހެން ދަރިފުޅު ނަވްޔާ ވެސް ބޮލީވުޑަށް ނުކުތުމަށް އޭނާ ބޭނުމެއް ނުވެ އެވެ. ޝްވެތާ ބުނީ، ނަވްޔާ ފިލްމީ ދާއިރާ އިން ކުރިއަށް ދާން ބޭނުންވެދާނެތީ އޭނާ ކަންބޮޑުވާ ކަމަށެވެ.
"އަހަރެން ކަންބޮޑުވޭ އޭނާ އެކްޓަރަކަށް ވާން ބޭނުން ވެދާނެތީ. ހީކުރާހާ ފަސޭހަ މަސައްކަތެއް ނޫން އެއީ. ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭ. ހާއްސަކޮށް އަންހެން ކުދިން. އަހަންނަކަށް ހިއެއް ނުވޭ ނަވްޔާގެ ކިބައިގައި އެހާ ހިތްވަރު ހުރި ހެނެއް،" ޝްވެތާ ބުނެފައިވެ އެވެ.
ޝްވެތާ ބުނީ ފިލްމީ ދާއިރާގައި ކުރިއަށް ދާން ހުނަރު ބޭނުންވާ ކަމަށާއި، ހުނަރާއި ނާކާމިޔާބީ އަދި ކާމިޔާބީ ވެސް ގުޅިފައިވާ ކަމަށެވެ. އަދި ފިލްމީ ދާއިރާ ގައި ކުރިއަށް ދެވޭނީ އަމިއްލައަށް އެކަން ބޭނުންވުމުން ކަމަށާއި، މީހަކު ބުނެގެން އެކަން ނުކުރެވޭނެ ކަމަށެވެ.
"ފިލްމީ ދާއިރާއަށް ނުކުންނަ އިރަށް މަޝްހޫރު ކަމާއި މުއްސަނދިކަން ލިބޭނެ ކަމަށް ހީކުރުމަކީ ކުށް ހީ އެއް،" ޝްވެތާ ބުންޏެވެ.
ޝްވެތާ ވަނީ އޭނާގެ އާއިލާ އަކީ ގާބިލް އަންހެނުން ތަކެއް ހިމެނޭ އާއިލާ އެއް ކަމަށާއި، ނަވްޔާ އަކީ ވެސް އެފަދަ އަންހެނަކަށް ވާނެ ކަމަށް ބުނެފައެވެ.