ޗައިނާގެ ބެއިޖިންގްގެ މުނިސިޕަލް ގަވަމެންޓުން އިންތިޒާމުކޮށްގެން ބޭއްވި ފޮޓޯ ނެގުމުގެ މުބާރާތަކުން، ޗައިނާގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ފައިސަލް (ބޮޑޭ)އަށް ދެ ވަނަ ލިބިވަޑައިގެންފިއެވެ.

ބެއިޖިންގްގެ މުނިސިޕަލް ގަވަމެންޓުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ، "ބެއިޖިންގްސް ނިއު އިމޭޖް އިން ދި އައިސް އޮފް ފޮރިން ފްރެންޑްސް" މުބާރާތަކީ، ޗައިނާއިން ބޭރުގެ ގައުމުތަކުގެ ރައްޔިތުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި މުބާރާތަށް ހުށަހަޅާން ޖެހެނީ، ބެއިޖިންގްގެ ކޮންމެވެސް މަންޒަރެއް ދައްކުވައިދޭ ފޮޓޯއެކެވެ.

އެގޮތުން، ދިވެހި ސަފީރު ފައިސަލް ހުށަހެޅުއްވި ފޮޓޯއަކީ، ބެއިޖިންގްގެ ޝޮޕިންގް ސެންޓަރެއް ކަމުގައިވާ "ޓައިކޫ ލީ ސަންލިޓުންގެ އިމާރާތުގެ ބޭރު، ބަޔަކު ސާފު ކުރަނިކޮށް ނަގާފައިވާ ފޮޓޯއެކެވެ. "އާބަން ކަލާސް" ނުވަތަ "އުމްރާނީ ކުލަތައް"ގެ ނަމުން ނަން ދީ، ހުށަހެޅި މި ފޮޓޯއަށް ލިބުނީ މުޅި މުބާރާތުން ދެވަނައެވެ.

މި މުބާރާތުގެ އެއްވަނައަށް ހޮވުނީ ޖަރުމަނު ރައްޔިތަކާއި، ކްރޮއޭޝިއާގެ ރައްޔިތަކު ހުށަހެޅި ދެ ފޮޓޯއެވެ.

ދެވަނައަށް ހަތަރު ފޮޓޯއެއް ހޮވުނެވެ. އެއީ އިންޑޮނޭޝިއާ، ސަމޯއާ އަދި ކެމްބޯޑިއާއަށް ނިސްބަތްވާ ތިން މީހަކު ހުށަހެޅި ފޮޓޯތަކާއި، ދިވެހި ސަފީރު ފައިސަލް ހުށަހެޅުއްވި ފޮޓޯއެވެ.

ބެއިޖިންގްސް ނިއު އިމޭޖް އިން ދި އައިސް އޮފް ފޮރިން ފްރެންޑްސް ފޮޓޯ މުބާރާތުގައި މިއަހަރު 3،500 އަށް ވުރެ ގިނަ ފޮޓޯ ބައިވެރިކޮށްފައިވެއެވެ. މި މުބާރާތަކީ 2009 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރަކުވެސް ގަވައިދުން ބާއްވާ މުބާރާތެކެވެ.