19 Jun 2011, 12:54
ކުރާ މަސައްކަތަށް ރަނގަޅު އުޖޫރައެއް ދެން ވެސް ނުދީފިކަމަށްވާ ނަމަ އަލުން މުޒާހަރާ ކުރާނެ ކަމަށް ބުރެޒިލްގައި 2014 ވަނަ އަހަރު އޮންނަ ވޯލްޑްކަޕަށް ތައްޔާރު ކުރަމުން ގެންދާ މިނޭރާއޯ ސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި އުޅުނު ބައެއް މީހުން ބުނެފި އެވެ.
މިނޭރާއޯ ސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި އުޅުނު ބައެއް މީހުން ކުރަމުން ގެންދިޔަ މުޒާހަރާ އިއްޔެ ހުއްޓާލާފައިވާ އިރު، އިނގިރޭސި ބައެއް މީޑިއާ ރިޕޯޓްތަކުގައި، ބުނެފައި ވަނީ، އެމީހުން މުޒާހަރާ ކުރީ މުސާރަ އާއި އެހެނިހެން އިނާޔަތްތައް ބޮޑުކޮށްދިނުމުގެ ގޮތުން ކަމަށާއި އެގޮތުން އެކަންތައް ވީހާ ވެސް އަވަހަކަށް ހައްލުކޮށް ނުދީފި ނަމަ އަލުން މުޒާހަރާ ކުރާނެ ކަމަށް ބުނެ އެވެ.
އެސްޓޭޑިއަމް ހެދުމުގެ މަސައްކަތުގައި އުޅޭ 400 އެއްހައި މީހުންގެތެރެއިން 160 މީހަކު މިދިޔަ ބުދަ ދުވަހުން އިއްޔެގެ ނިޔަލަށް ކުރި މުޒާހަރާ އާއި ގުޅިގެން މިއަދު ފީފާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވޯލްޑް ކަޕް ފެށެން މަދު ދުވަސް ކޮޅަކަށް ވެފައި ވާއިރު، ވޯލްޑްކަޕް ކުޅޭ ސްޓޭޑިއަމްގެ މަސައްކަތްތައް ނިންމާ މަސައްކަތް ތެރިންނަށް އެވާ ދަތިކަން ހައްލުކޮށްދިނުމަށް ހާއްސަ ކޮމެޓީއެއް މިހާރު ފީފާއިން އެކުލަވާލައިފައިވާ ކަމަށާއި އެގޮތުން ކުރިއަށް މިއޮތް ހަފްތާއެއްހާ ދުވަސް ތެރޭ އެކަމަށް އަމަލީ ހައްލެއް ހޯދާނެ ކަމަށެވެ.
ވޯލްޑްކަޕް އޮގަނައިޒިން ކޮމިޓީއިން ވަނީ މަސައްކަތް ހުއްޓާލި ފަރާތްތަކާ މިދިޔަ ހުކުރު ދުވަހުގެ ރޭ ބައްދަލު ކޮށްފަ އެވެ. އަދި މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް ދިނުމަށް އެކޮމިޓީން އެއްބަސްވެފައިވެ އެވެ. މިގޮތަށް އެއްބަސްވުމުން މުޒާހަރާ ކުރި ފަރާތްތަކުން އަންނަ ހޯމަ ދުވަހުން ފެށިގެން މަސައްކަތް ފަށާނެކަމަށް އޮގަނައިޒިން ކޮމިޓީން މިއަދު ނެރުނު ބަޔާންގައިވެ އެވެ.
މިނޭރާއޯ ސްޓޭޑިއަމްއަކީ ބްރެޒިލްގެ ބެލޯ ހޮރަޒަން ސިޓީގައި ހުންނަ ސްޓޭޑިއަމްއެކެވެ. އެސިޓީ އަކީ ވޯލްޑްކަޕް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ސިޓީއެކެވެ. ސައުތު އެމެރިކާގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ސައޮޕޯލޯ އާއި ބުރެޒިލްގެ ވެރިރަށް ބުރެސީލިއާ އިންވެސް ވޯލްޑްކަޕް ހުޅުވުން ބޭއްވޭތޯ މަސައްކަތް ކުރަމުން ގެންދެ އެވެ.