ހދ. ނޮޅިވަރަމުން ގިނަ އަދަދެއްގެ ބަޔަކު މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އާ ގުޅިއްޖެ އެވެ. އަލަށް އެމްޑީއޭއާ ގުޅުނު މީހުންގެ ފޯމުތައް ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ އިއްޔެ، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ގެ އޮފީހުގަ އެވެ.

ފޯމުތައް ސިޔާމާ ހަވާލުކޮށްދެއްވީ ނޮޅިވަރަމް ގެ ވިޔަފާރިވެރިއެއް ކަމަށް ވާ މުހައްމަދު ރަޝީދު އެވެ. އަށްޑިހައަށް ވުރެ ގިނަ މީހުންގެ ފޯމް ވަނީ އެމްޑީއޭގެ ލީޑަރާ ހަވާލުކޮށްފަ އެވެ.

ނޮޅިވަރަމުން އެމްޑީއޭއާ ގުޅުނު ފަރާތްތަކުގެ ފޯމުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ އެމްޑީއޭ

ފޯމުތަކާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ސިޔާމް ވިދާޅުވީ، ނޮޅިވަރަމުން ގިނަ އަދެއްގެ ބަޔަކު އެމްޑީއޭ އަށް ވަނުމުން ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާއި އެ ހުރިހާ ބޭފުޅުންނަށް ޝުކުރުވެރިކަމާ އެކު މަރުހަބާ ދަންނަވާ ކަމަށެވެ. ސިޔާމް ވިދާޅުވީ އެމްޑީއޭގެ މައިގަނޑު ބޭނުމަކީ ގައުމު ތަރައްގީ ކޮށް ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނުން ކަމަށާއި އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ބޭފުޅުން ވެސް އެގުޅިވަޑައިގަންނަވަނީ އެ މަގުސަދު ހާސިލުކުރުމަށް އެހީތެރިވެވަޑައިގަތުމަށް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެހެން ކަމުން އެބޭފުޅުން ވެސް ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށް ސިޔާމް ފާހަގަކުރެއްވި އެވެ.

އިއްޔެ ގެ އެ ރަސްމިއްޔާތުގައި އެމްޑީއޭގެ ގައުމީ ކައުންސިލްގެ މެންބަރު މުހައްމަދު އައްބާސް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.