އދ. މަޖިލިސް (ޑިސެމްބަރު 16) : އދ. ގެ އައު ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރަސް އޭނާގެ އެހީތެރިންގެ މަގާމަށް އަންހެން ދެ ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

މިދެބޭފުޅުންގެ ތެރެއިން އެއްބޭފުޅަކީ ކެންޔާގެ ތިމާވެއްޓާބެހޭ ވަޒީރު ކަމުގެ މަގާމުގައި ހުންނެވި އަމީނާ މުހައްމަދެވެ. އަމީނާ ޢައްޔަން ކުރެއްވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ގެ ނައިބު ކަމުގެ މަގާމަށެވެ. އަދި ބްރަޒީލްގެ އަންހެން ޑިޕްލޮމޭޓެއް ކަމަށްވާ މާރިޔާ ހިޕިރޯ އައްޔަން ކުރެއްވީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ގެ އޮފީހުގެ ޑައިރެކްޓަރު ކަމުގެ މަގާމަށެވެ. ކެންޔާގެ ތިމާވެއްޓާބެހޭ ވަޒީރު ކަމުގެ މަގާމަށް އަމީނާ މުހައްމަދު އައްޔަން ކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

ބާންކީ މޫން އާއި ގުޓޭރަސް

އޭގެކުރިން އޭނާ ހުންނެވީ އދ. ގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ މުސްތަޝާރެއްގެ މަގާމުގައެވެ. އަމީނާއަކީ އދ. ން ހިންގި ސާސްކަފް ލަނޑުދަނޑިތައް ޙާސިލް ކުރުމުގެ ޕްރޮގްރާމް ހިންގުމުގައި އިސްދައުރެއް އަދާކުރައްވާފައިވާ ތަޖްރިބާކާރު އަންހެން ބޭފުޅެކެވެ.

މާރިޔާ

އޭނާއަކީ ކެންޔާގެ މުސްލިމް އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އދ. ގެ އައު ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރަސް އޭނާގެ އޮފީހުގެ ވެރިޔާގެ މަގާމަށް އައްޔަން ކުރެއްވި ބްރަޒީލްގެ އަންހެން ޑިޕްލޮމޭޓް މާރިޔާ ހިޕިރޯ އަކީވެސް ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ.

އދ. ގެ ސެކްރެޓޭރިއަޓުން ނެރުނު ބަޔާނެއްގައިވާ ގޮތުން ގުޓޭރަސް ގެންދަވަނީ އދ. ގެ އިދާރީ އިސް މަގާމުތަކަށް އައު ބޭފުޅުން ހަމަޖައްސަވަމުންނެވެ. މިގޮތުން ސެކްރެޓަރީ ޖެނެރަލްގެ ތަރްޖަމާން ކަމުގެ މަގާމަށް އައްޔަން ކުރައްވަނީ އައު ބޭފުޅެއް ކަމަށްވެއެވެ.

ގުޓޭރަސް މިދިޔަ ހަފްތާގައިވަނީ ސެކްރެޓަރީ ޖެނެރަލް ކަމުގެ ހުވާ ކުރައްވާފައެވެ. ނަމަވެސް އޭނާ މަގާމާ ހަވާލުވެ ވަޑައިގަންނަވާނީ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ މަގާމުގެ މުއްދަތު ހަމަވުމުންނެވެ. ބާންކީ މޫންގެ މަގާމުގެ މުއްދަތު ހަމަވާނީ މި ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުއެވެ. (ރޮއިޓާސް)