16 Dec 2016, 15:58
އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތް އޮސްޓްރޭލިއާ، އެ ރަސްކަމުގެ ދަށުން މިނިވަން ވުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެ ގޭގެ ވެސް މެޖޯރިޓީ މެމްބަރުން އެދޭ ކަމަށް އެ ގައުމުގައި ޖުމްހޫރިއްޔަތުގެ ފިކުރަށް ތާއީދުކޮށް ހިންގާ ހަރަކާތަކުން ބުނެފި އެވެ.
އޮސްޓްރޭލިއާގެ މިހާރުގެ ބޮޑުވަޒީރު މެލްކަމް ޓާންބުލްއަކީ، އޮސްޓްރޭލިއާގައި މިނިވަން ޖުމްހޫރިއްޔަތެއް ގާއިމުކުރުމަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އޭނާ ވަނީ، 1999 ވަނަ އަހަރު، އޮސްޓްރޭލިއާ އިނގިރޭސި ރަސްކަމުން މިނިވަންކުރުމުގެ ކެމްޕޭނެއް ލީޑުކުރައްވައިފަ އެވެ. އެހެން ނަމަވެސް އެ ހަރަކާތް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެ އަހަރު ބޭއްވި ފެންނަ ނުފެންނަ ވޯޓުގައި، އޮސްޓްރޭލިއާގެ 54.87 ރައްޔިތުން ވޯޓު ދިނީ އިނގިރޭސި ރާނީގެ ރަނިކަމުގެ ދަށުގައި ދެމިއޮތުމަށެވެ.
އޮސްޓްރޭލިާގައި ޖުމްހޫރީ ފިކުރަށް ތާއީދުކޮށް ހިންގާ "އޮސްޓްރޭލިއަން ރިޕަބްލިކަން މޫވްމެންޓް" ހަރަކާތުން ބުނާ ގޮތުގައި އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ 150 މެމްބަރުންގެ ތެރެއިން 81 މެމްބަރުން، އަދި އެ މަޖިލީހުގެ މަތިގެ ނުވަތަ ސެނެޓުގެ 76 މެމްބަރުންގެ ތެރެއިން 40 މެމްބަރުން ތާއީދު ކުރައްވަނީ އެ ގައުމު އިނގިރޭސި ރަސްކަމުން މިނިވަންވުމަށް ކަމަށެވެ.
ނަމަވެސް، އިނގިރޭސި ރަސްކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ، މެޖޯރިޓީގެ ސަޕޯޓު އޮތީ މިހާރު ވެސް އޮތް ގޮތުގައި އޮސްޓްރޭލިއާ ދެމިއޮތުމަށް ކަމަށެވެ.
މި އަދަދުތައް ޢާންމުކޮށްފައިވާ އިރު، މާދަމާއަކީ އޮސްޓްރޭލިއާގައި ޖުމްހޫރީ ހަރަކާތް ފެށިތާ 25 އަހަރު ފުރޭ އަހަރީ ދުވަހެވެ. އެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ހަފްލާއެއްގައި ބޮޑުވަޒީރު މެލްކަމް ޓާންބުލް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު، އޮސްޓްރޭލިއާ ޖުމްހޫރިއްޔަތަކަށް ބަދަލުވުމާ ބެހޭ ވާހަކަތައް އޭނާ ދައްކަވާނެ ކަމަށް ބެލެވެއެވެ.
އޮސްޓްރޭލިއާގެ ގާނޫނު ހަދާ މަޖިލީހުގެ އޮޕޮޒިޝަން ލީޑަރު އަދި ލޭބާ ޕާޓީގެ ލީޑަރު ބިލް ޝޯޓެން ވަނީ އިއްޔެ، ބޮޑުވަޒީރު މެލްކަމް ޓާންބުލްއަށް ސިޓީއެއް ފޮނުވައި، އޮސްޓްރޭލިއާ ޖުމްހޫރިއްޔަތަކަށް ބަދަލުކުރުމަށް ލޭބާ ޕާޓީގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވައިފައެވެ.
"މިގައުމުގެ އާ ޖީލަށް އެބަ ޖެހޭ ފުރުސަތެއް ދޭން، އޮސްޓްރޭލިއާގެ ދައުލަތުގެ ވެރިޔާއަކީ އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައި ވުމަށް އެ ޖީލުގެ ރައްޔިތުން ބޭނުންވޭތޯ ބެލުމަށް،" ބިލް ވިދާޅުވިއެވެ.
އޮސްޓްރޭލިއާއަކީ "ކޮމަންވެލްތު ރެލްމް" ނުވަތަ އިނގިރޭސި ރަސްކަމުގެ ދަށުގައި އޮތް ގައުމެކެވެ. އިނގިރޭސި ރާނީގެ ރަނިކަމުގެ ދަށުގައި މިވަގުތު ދުނިޔޭގެ 16 ގައުމެއް އޮވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތް ފިޔަވާ، އޮސްޓްރޭލިއާ، ކެނެޑާ، ނިއުޒިލެންޑް، ޕަޕުއާ ނިއު ގިނީ އަދި ޕެސިފިކް ކަނޑާއި ކެރީބިއަން ސަރަހައްދުގައި ހުންނަ ޖަޒީރާ ގައުމުތަކެކެވެ.
އޭގެ ކޮންމެ ގައުމެއްގައިވެސް ސަރުކާރުގެ ވެރިއަކަށް ހުންނާނީ އެގައުމެއްގެ ރައްޔިތުން ނިންމާ މީހެކެވެ. ނަމަވެސް ދައުލަތުގެ ވެރިޔާއަކީ އިނގިރޭސީ ރާނީއެވެ. އަދި އެގައުމަކަށް ރާނީ ކަނޑައަޅާ ޚާއްސަ ގަވަރުނަރ ޖެނެރަލެއް ވެސް ހުރެއެވެ.