16 Dec 2016, 11:30
އެމެރިކާގެ ޓެކްސަސް ސްޓޭޓުގެ ސިޓީއެއްގެ ފެނުގެ ނިޒާމުގެ ތެރޭގައި ދައުރުކުރާ ފެން ތަޣައްޔަރުވުމާ އެކު، މިނަރަލް ވޯޓާއަށް އޮތް ޑިމާންޑު ބޮޑުވެ، އެ ސިޓީގެ ފިހާރަތަކުން ފެން ހުސްވުމާ ކައިރިވެއްޖެ އެވެ.
ޓެކްސަސްގެ ކޯޕަސް ކްރިސްޓީ ކިޔާ މި ސިޓީގެ ފެނުގެ ނިޒާމު ތަޣައްޔަރުވެފައިވާކަން، އެ ސިޓީގެ އޮފިޝަލުން އިއްޔެގެ ވަގުތެއްގައި ވަނީ އާންމުކޮށް އިއުލާން ކޮށްފަ އެވެ. އަދި އިސްކުރުތަކުން އަންނަ ފެން ބުއިމަށާއި، ކާބޯތަކެއްޗާއި އައިސް ހެދުމަށާއި، އެއްޗެހި ދޮވުމަށާއި ފެންވެރުން ފަދަ އެއްވެސް ކަމަކަށް ބޭނުން ނުކުރުމަށް ސިޓީގެ ފަރާތުން އިލްތިމާސް ކުރިއެވެ.
ސަބަބެއް ކަމަށް އެ ސިޓީގެ ކައުންސިލުގެ އޮފިޝަލުން ބުނަނީ، ކޯޕަސް ކްރިސްޓީގެ ސިނާއީ ސަރަހައްދަށް ފެން ދޫކުރާ ނިޒާމަކަށް މައްސަލައެއް ދިމާވެ، ބެކްފްލޯ ވުމުގެ ސަބަބުން ކެމިކަލްތަކެއް ފެނުގެ ނިޒާމާ އެކުވުމުންނެވެ.
މި މައްސަލަ ފުރަތަމަ ފާހަގަވީ ބުދަ ދުވަހުގެ އިރުއޮއްސުނު ވަގުތު، ސިނާއީ ސަރަހައްދުގައި މަސައްކަތް ކުރާ މުވައްޒަފަކަށެވެ.
މި ހާދިސާ ދިމާވެ، އިސްކުރުފެން ބޭނުން ނުކުރުމަށް ސިޓީ ކައުންސިލުން އެންގުމާ ގުޅިގެން ކޯޕަސް ކްރިސްޓީގެ ރައްޔިތުން ވަނީ ސުޕަރމާޓުތަކުގައި ވަގުތުން ކިއުތައް ދަމާލައި، ކޭސް ކޭހުން މިނަރަލް ވޯޓަރ ގަންނަމުންނެވެ. ޑިމާންޑާ އެއްވަރަށް ފިހާރަތަކުގައި ފެން ނެތުމުގެ ސަބަބުން ގިނަ ފިހާރަތަކުން ފެން ވަނީ ހުސް ވެސް ވެފައެވެ.
ކޯޕަސް ކްރިސްޓީއަށް ފެނުގެ ކާރިސާއެއް ކުރިމަތިވެފައިވާ އިރު، އެ ސިޓީ ވަނީ ގާތްގަނޑަކަށް ހުއްޓިފައެވެ. އެގޮތުން، ގިނަ ސްކޫލުތައް ބަންދުކޮށް، ކްލާސްތައް ކެންސަލް ކޮށްފައިވާ އިރު، އޮފީސްތައް ވެސް ވަނީ ބަންދުކޮށްފައެވެ.