ބެޔާން މިއުނިކާ އެކު އެއްބަސްވުމުގައި ސޮއިކުރީ ރަނގަޅު ބަދަލެއް ކަމަށް ޤަބޫލް ކުރެވޭތީ ކަމަށް ޖަރުމަން ގައުމީ ޓީމުގެ އެއް ނަމްބަރު ކީޕަރު މެނުއަލް ނޯޔާ ބުނެފި އެވެ.

އުމުރުން 25 އަހަރުގެ ނޯޔާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ބޮޑު ބައެއް ހިއްސާވާ ޝާލްކޭ ދޫކޮށް ބެޔާން މިއުނިކާ އެކު ނޯޔާ ސޮއިކުރީ ކުރިއަށް މިއޮތް ފަސްހަރު ދުވަހު ބެޔާންގައި މަޑުކުރުމަށެވެ. މިއެއްބަސްވުމުގައިވާގޮތުން 2016 ވަނަ އަހަރާއި ހަމައަށް ކީޕަރު ނޯޔާ ކުޅެމުންދާނީ ބެޔާން މިއުނިކްގެ ޖާޒީގަ އެވެ.

ޔޫރަޕިއަންސް ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދެއްކި ޖަރުމަނުގެ ޝާލްކޭ ޓީމުގެ ކެޕްޓަން ބެޔާން މިއުނިކަށް ސޮއިކޮށްފައި ވަނީ ބޮޑެތި އެތައް ކްލަބްތަކަކުން ނޯޔާ ހޯދުމަށް މަސައްކަތް ކުރަމުން ދަނިކޮށެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ މެންޗެސްޓާ ޔުނައިޓެޑެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗް ސާ އެލެކްސް ފާގަސަން ވަނީ ނޯޔާއަށް ތަޢުރީފްގެ އެތައް ބަސްތަކެއް މީޑިޔާއަށް ހާމަކޮށްފަ އެވެ. އަދި ނޯޔާގެ އިތުރުން މެންޗެސްޓާ އިން ހުސްވި ހަފްތާ ތެރޭގައި ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ ގެން ދިއުމަށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން ރޮނާލްޑޯ ސިޓީއަށް ބަދަލުވާ ނަމަ އެޓީމުގެ ހަތް ނަމްބަރު ޖާޒީ އާއި ކެޕްޓަން ބޭންޑާއި އަދި އެންމެ އަގުބޮޑު ކުޅުންތެރިޔާއަކީ ރޮނާލްޑޯއަށް ވާންޖެހޭނެކަމަށް ބައެއް ރިޕޯޓްތަކުން ބުނި ނަމަވެސް ސިޓީއަށް ނުދާނެކަމަށާއި އޭނާ ސްޕެއިންގައިވާ ދުވަސްތަކަކީ އުފާވެރި ދުވަސްތަކެއްކަމަށް ރޮނާލްޑޯ ވަނީ ހާމަކޮށްފަ އެވެ.

ސްޕެއިންގެ ރޭޑިއޯ ޗެނަލެއްކަމަށްވާ ކަޑެނާ ކޯޕްއިން ސިޓީގެ ބިޑާއި ބެހޭ ގޮތުން ސުވާލުކުރުމުން ރޮނާލްޑޯ ސިޓީއަށް ދާން ބޭނުންނުވާކަމަށް ވަނީ ބުނެފައިވެ އެވެ.

އުމުރުން އެންމެ ފަސް އަހަރުގައި ޝާލްކޭ ޓީމަށް ކުޅެމުން އައި ހުނަރުވެރި ގޯލްކީޕަރު ބެޔާންއާ ގުޅުމަށް ނުރަސްމީކޮށް އޭޕްރީލް މަހު އެއްބަސްވެފައިވެ އެވެ. އޭގެ އިތުރުން ނޯޔާ 20 އަހަރު ހޭދަކޮށްފައިވާ ޝާލްކޭއަށް އިތުރު އަހަރަކު މަޑުކުރުމަށް އެއްބަސްވުމެއްގައި ސޮއިނުކުރާނެ ކަމަށް ވެސް ނޯޔާ ހާމަކޮށްފައިވެ އެވެ.

"އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ވަރަށް ރަނގަޅު ބަދަލެއް. އަހަރެންނަކީ ޖަރުމަން ކީޕަރެއް އަދި ޖަރުމަންގައި ހުރި އެންމެ މޮޅު ކްލަބަކީ ބެޔާން މިއުނިކް. އަހަރެން މިހާރު މި އިންތިޒާރުކުރަނީ އަހަރެންނަށް ލިބިފައިވާ އައު ޒިންމާއާ." ކީޕަރު ނޯޔާ ބުންޏެވެ.
ނޯޔާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ބޮޑު ބައެއް ހިއްސާވާ ޝާލްކޭ ދޫކޮށް ގޮސްފައިވަނީ ޝާލްކޭއަށް ކާމިޔާބީތަކެއް ހޯދައިދީފައެވެ. އެގޮތުން އެންމެ ފާޙަގަކޮށްލެވެނީ ޖަރުމަން ކަޕްއާއި ޗެމްޕިއަންސް ލީގުގައި ހޯދައިދިން ކާމިޔާބީއެވެ.