ސީރިއާގެ ދާޚިލީ ހަނގުރާމައިގައި ހަމަލާތައް އެންމެ ބޮޑަށް ބަދަލުކުރެވެމުންދާ ހަލަބު ސިޓީގެ އިރުމަތީ ސަރަހައްދުގައި ތާށިވެފައި ތިބި އާންމު ރައްޔިތުންގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން އެސަރަހައްދުން ނެރެ، ރައްކާތެރި ހިސާބުތަކަށް ގެންގޮސްފިއެވެ.

ހަލަބަކީ ސީރިއާ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ކޮންޓްރޯލް ކުރަމުން ދިޔަ ސިޓީއެކެވެ. އެހެން ނަމަވެސް ސީރިއާ ސަރުކާރުގެ އަސްކަރިއްޔާއިން އެ ސިޓީ، ސަރުކާރުގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު، މިހާރު ކޮންޓްރޯލްގެ ދަށަށް ނުގެނެވި އޮތީ އިރުމަތީ ހަލަބެވެ.

ބައިނަލްއަގުވާމީ ރެޑް ކްރޮސް ހަރަކާތުގެ ފަރާތުން ސީރިއާގައި ހަރަކާތްތެރިވާ އިސްވެރިޔާ މޭރިއޭން ގޭސަރ ވިދާޅުވި ގޮތުގައި، އިތުމަތީ ހަލަބުން 3،000 ވަރަކަށް ރައްޔިތުންނާއި، އަނިޔާ ލިބިފައިވާ 40 އަށް ވުރެ ގިނަ މީހުން، އެހެން ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިވަގުތު އިރުމަތީ ހަލަބުގައި ތާށިވެފައި ތިބީ އާންމުންގެ ކިތައް މީހުން ކަމެއް އެކަކަށްވެސް ނޭނގެއެވެ. އަދި ހުރިހާ އެންމެން ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް އެތައް ދުވަހެއް ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަލަބުގެ ހަނގުރާމައިގެ މައިދާނުން ސަލާމަތްކޮށްގެން، ބަސްތަކާއި އެމްބިއުލާންސްތަކުގައި އާންމު ރައްޔިތުން ގެންދަނީ، ސީރިއާގެ އިދްލީބު ޕްރޮވިންސްގައި، ހަނގުރާމަވެރިންގެ ކޮންޓްރޯލުގެ ދަށުގައި އޮންނަ ސަރަހައްދަކަށެވެ.

ސީރިއާ ސަރުކާރުގެ ބައިވެރިޔާ، ރަޝިއާގެ އަސްކަރިއްޔާގެ ޖެނެރަލް ވެލެރީ ގެރަސިމޯވް ވިދާޅުވީ، އާންމު ރައްޔިތުން ހަލަބު ދޫކޮށް ދިއުމަށް، 21 ކިލޯމީޓަރުގެ ދިގު މަގެއް ގާއިމުކޮށްފައިވާނެ ކަމަށެވެ.

"މީގެ ތެރެއިން ހަ ކިލޯމީޓަރަކީ ސަރުކާރު ކޮންޓްރޯލުގައި އޮތް، ހަލަބުގެ ސަރަހައްދުތައް. އަނެއް 15 ކިލޯމީޓަރަކީ ޣައިރު ގާނޫނީ ހަނގުރާމަވެރި ގްރޫޕުތަކުގެ ބާރުގެ ދަށުގައި އޮތް ހިސާބުތައް،" އޭނާ ވިދާޅުވިއެވެ.

ހަލަބުގައި ހަނގުރާމަ ހުއްޓާލައި، އާންމު ރައްޔިތުން އެ ސިޓީ ދޫކޮށް ދިއުމުގެ އެއްބަސްވުމަކަށް އައީ، ރަޝިއާއާއި ތުރުކީ މެދުވެރިންގެ ރޯލު އަދާކޮށްގެންނެވެ.

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އެރްދޮގާން މިއަދު ވިދާޅުވީ، ހަނގުރާމައިގެ މައިދާނުން ނުކުމެ، މިވަގުތު އެންމެ ނާޒުކު ހާލުގައި ތިބި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ފަދަ ފަރާތްތަކަށް ތުރުކީއިން އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ސީރިއާގައި ހުންނަ އދގެ މަންދޫބު ސްޓަފާން ޑެ މިސްޓޫރާ ވިދާޅުވި ގޮތުގައި ހަލަބުގައި މިވަގުތު 50،000 ވަރަކަށް މީހުން ތާށިވެފައި އެބަ ތިއްބެވެ. އެއީ 4،000 ވަރަކަށް ހަނގުރާމަވެރިންނާއި، އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ 10،000 ވަރަކަށް މީހުންނެވެ. ނަމަވެސް މި ހުރިހާ ރައްޔިތުން އިދްލީބަށް ގެންދިއުމަކީ ހައްލެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން، ސިޔާސީ އެއްބަސްވުމަކާއި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް އެކުލަވާ ނުލައިފި ނަމަ، "ދެވަނަ ހަލަބަކަށް" އިދްލީބު ވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.