16 Dec 2016, 10:42
އިންޑިއާގެ ހައިވޭތަކުގައި ބަނގުރަލުގެ ވިޔަފާރި ކުރުމާއި ބަނގުރާ އިޝްތިހާރުކުރުން، އެގައުމުގެ ސުޕްރީމް ކޯޓުން މަނާކޮށްފި އެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން ނެރުނު އަމުރެއްގައި ބުނެފައިވަނީ، އިންޑިއާގެ ސްޓޭޓު ހައިވޭތަކާއި ނޭޝަނަލް ހައިވޭތަކުގައި، ބަނގުރަލުގެ ވިޔަފާރިކުރާ އެއްވެސް ފިހާރައެއް ހުރެގެން ނުވާނެ ކަމަށާއި، ހައިވޭތަކުގައި ހަރުކޮށްފައި ހުންނަ، ބަނގުރަލުގެ އިޝްތިހާރުތައް ނަގަން ޖެހޭ ކަމަށެވެ.
އިންޑިއާގެ އުއްތަމަ ފަނޑިޔާރާ ހަވާލައިދީ، އޭއެފްޕީއިން ރިޕޯޓުކުރާ ގޮތުން، އިންޑިއާގައި ހައިވޭތަކާ އެންމެ ކައިރީގައި ވެސް ބަނގުރަލުގެ ވިޔަފާރިކުރެވޭނެ ތަންތަން ހުންނަން ޖެހޭނީ، ހައިވޭއާ 500 މީޓަރު ދުރުގައެވެ.
އިންޑިއާގެ ސުޕްރީމް ކޯޓުން މި އަމުރު ކުރީ، މަސްތުގެ ހާލަތުގައި ހުރެ އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ މައްސަލަތަކާއި މަގުމަތީގެ އެކްސިޑެންޓުތަކުގެ ހާދިސާތައް މަދުކުރުމުގެ ގޮތުންނެވެ.
އިންޑިއާގައި ކޮންމެ އަހަރުވެސް އެކްސިޑެންޓްތަކުގައި 146،000 އަށް ވުރެ ގިނަ މީހުން މަރުވާ އިރު، އޭގެ ތެރެއިން ފަސް ޕަސަންޓު އެކްސިޑެންޓްތައް ހިނގަނީ، މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވުމުގެ ސަބަބުންނެވެ.
ބަނގުރަލަކީ އިންޑިއާގެ ގުޖުރާތު، ބިހާރު، މަނުޕޫރު އަދި ނާގަލޭންޑް ސްޓޭޓުތަކުގެ އިތުރުން ލަކްޝަދީބު ޔޫނިއަން ޓެރިޓަރީގައި މަނާ އެއްޗެކެވެ. އަދި ދެކުނުގެ ކެރެލާ ސްޓޭޓުގައި ބަނގުރަލަކީ ކޮންޓްރޯލްކުރެވިފައިވާ އެއްޗެކެވެ.