ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން އާ ކޮށް 2021 އާ ހަމައަށް އެ ކްލަބްގައި މަޑުކުރުމަށް އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް ނިންމައިފި އެވެ.

އިނގިރޭސި ކްލަބް ލިވަޕޫލުން 2014 ވަނަ އަހަރު 75 މިލިއަން ޕައުންޑަށް ސުއަރޭޒް ބާސާއާ ގުޅުނު ނަމަވެސް އާ އެއްބަސްވުމުގެ ސަބަބުން ސުއަރޭޒްގެ އަގު ވަނީ 167.5 މިލިއަން ޕައުނަޑަށް މައްޗަށް ޖެހިފަ އެވެ.

ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ ވަގުތެއްގައި ބާސާގެ އާ ކޮންޓްރެކްޓްގައި ސުއަރޭޒް ސޮއި ކުރާނެ ކަމަށެވެ.

"ބާސެލޯނާގައި މަޑު ކުރުމުން އަހަރެންނަށް ހަގީގީ އުފާވެރިކަމާއި ހިތްހަމަ ޖެހުން ލިބޭ. މިހާރު މިވަނީ ހުރިހާ ކަމެއް ނިމި ރަސްމީކޮށް އެއްބަސްވުމަކަށް އާދެވިފަ،" ސުއަރޭޒް ބުންޏެވެ.

އޭނާ ބުނީ ބާސާގެ ކޮންޓްރެކްޓް އާ ކުރުމަށް ހުރަސް އެޅޭ ފަދަ އެއްވެސް ކަމެއް އޭނާ ނުކުރާ ކަމަށާއި ދެންވެސް އޭނާގެ އަމާޒު ހުއްޓޭނީީ ބާސާގައި ގިނަ ގޯލުތަކެއް ޖަހަގެން ތަށްޓާ ހަމައަށް ވާސިލުވުމަށް ކަމަށެވެ.

ސުއަރޭޒް ވަނީ މިހާތަނަށް ބާސާއަށް 97 ގޯލު ކާމިޔާބްކޮށްދީ އެޓީމާއި އެކު އަށް ތަށި ކާމިޔާބްކޮށްފަ އެވެ.

ބާސާގެ ފޯވާޑް ލައިނުގައި ހިމެނޭ ސުއަރޭޒް އާއި ނޭމާ އެކްލަބްގެ ކޮންޓްރެކްޓް އާކޮށްފައިވާއިރު އަދިވެސް ލިއޮނަލް މެސީގެ ކޮންޓްރެކްޓާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ސްޕެއިންގެ މީޑިއާ ރިޕޯޓްތަށް ބުނާ ގޮތުން ބާސާ އާއި މެސީއާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. އަދި އަވަސް މުސްތަގްބަލެއްގައި އެކަން އިއުލާނު ކުރާނެ ކަމަށްވެސް ރިޕޯޓް ކޮށްފައިވެއެވެ.