16 Dec 2016, 10:39
ކާފަ ނުވަތަ މާމަ އަތުގައި "ޓެގް" އަޅުވާފައި ހުރުމަކީ މިހާރަކަށް އައިސް ވަރަށް އާންމުކަމެކެވެ. މީގެ ހަތް ވަރަކަށް އަހަރު ކުރިން ދިވެހިންގެ ތެރެއަށް ތައާރަފްވެގެންދިޔަ ކެވެލިފަދަ ކަމަރެއް ކަމަށްވާ "އަޔޮނައިޒިން ބުރޭސްލެޓް” އަކީ މިހާރު ގިނަ ބަޔަކު ސިއްހީ ފައިދާ ހޯދުމަށް އަޅާ އުޅޭ އެއްޗެކެވެ. އަތްފައިގަ އެއްޗެހި އެޅުމަކީ ދިވެހިންގެ އާންމު ސިފައަކަށް ނުވިނަމަވެސް ގިނަ ބަޔަކު ސިއްހީ ބޭނުމަށް އަތާއި ފައިގަ އެކަމަރު އަޅައެވެ.
އެ ވިއްކަނީ ސިއްހީ ފައިދާތައް ވާ ކަމަށް ބުނެ
ރާއްޖެ އާއި އަވައްޓެރި ގައުމުތަކުގައި އާންމުކޮށް ވިއްކާ އެ ކަމަރު އެޅުމުގެ ސަބަބުން މީހާ ހަށިގަނޑުގެ ޕޮޒިޓިވް އަދި ނެގަޓިވް ޗާޖް ޕޮސިޓިވް ކޮށްދީ އެ އަޅާމީހަކު ބަލިތަކުން ރައްކާތެރިވާނެ ކަމަށް އެ ވިއްކާ މީހުން ބުނެ އެވެ. ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުން ސަލާމަތްވުމާއި ދުވަސްވީ ދިވެހިންނަށް އާންމުކޮށް ދިމާވާ ސިއްހީ މައްސަލަކަމަށްވާ ލެ އާއި ހަކުރު މައްޗަށް ދިއުމަށް ވެސް ފަރުވާ ލިބޭ ކަމަށް އެ ކަމަރު ވިއްކާ ފަރާތްތަކުން ބުނެއެވެ.

ހަމައެހެންމެ އޭގެ ސަބަބުން މީހާގެ ހަރަކާތްތެރިކަން އިތުރުކޮށްދީ ނުނިދުންފަދަ ކަންކަމުން ދުރުކޮށްދޭ ކަމަށް އެ ވިއްކުމަށް ކުރާ އިސްތިހާރުގައި ބުނެއެވެ. އަދި އެކިއެކި މަސްތުވުން ތަކުން ސަލާމަތް ވުމަށް އެހީއަކަށް އަތުގައި އެޅުމަށް ހަދާފައިވާ އެކަމަރު ވާ ކަމަށް ބުނެއެވެ.
ދުވަސްވީ މީހުންނަށް ޓާގެޓުކޮށްގެން ވިއްކާ އެކަމަރު ގަނެ ގިނަ ދިވެހިން ބޭނުންކުރާއިރު އޭގެން ސިއްހީ ފައިދާތައް ލިބޭ ކަމަށް ގަބޫލް ކުރާ ދިވެހިން ގިނަ އެވެ. ގައިގަ ރިއްސުމާއި އަސްސިވުމުގެ އިތުރުން ލޭމައްޗަށް ދިއުންފަދަ ކަންކަމަށް ހައްލު ލިބޭ ކަމަށް ގަބޫލްކުރެ އެވެ. ގިނަ ބަޔަކު އެކަމަރު އަޅަނީ ބޭސް ނުކައި ބަލިތަކުން ސަލާމަތްވުމުގެ ބޭނުމުގައެވެ.
"ކިތަންމެހާވެސް ރަނގަޅު، މީގެ ކުރިން އަތް އަބަދު އަސްސިވޭ، އެކަމަކު މީތި އެޅީމަ ވަރަށް ފަސޭހަ ވެއްޖެ،" އަތުގައި އެކަމަރު އެޅުމުން ވީ ފައިދާ ކިޔައިދެމުން 50 އަހަރުން މަތީ އަންހެނަކު ބުންޏެވެ.
އެއީ ބައެއް މީހުންގެ ބަގޫލް ކުރުމަށް ވާއިރު އެކަމަށް ފާޑުކިޔާ އެތައް ބަޔަކުވެސް އެބައުޅެއެވެ. އެމީހުން ބުނާ ގޮތުގައި އެއީ ބައެއްގެ ވިޔަފާރި ކުރިއެރުވުމަށް ފަތުރައިގެން އުޅޭ ވާހަކަތަކެކެވެ. އަދި އެކަމަރުން ފައިދާ ވާ ކަމަށް ވިސްނުމަކީ ބަޔަކަށް ހީވާ ހީވުމެކެވެ. ސަމާސާ ރާގަކަށް ބުނާނަމަ އޮޅުވާލުމެއްގެ ތެރެއިން ޓެގެއް އެޅުވީއެވެ.
ސިއްހީ މާހިރުން ގަބޫލް ކުރާ ކަމެއް ނޫން!
ދިވެހިންގެ ތެރެއިން ދުވަސްވީ ގިނަ ބައެއް އެކަމަރު އަޅައި އުޅޭއިރު އޭގެން ވާނެ ކަމަށް ގަބޫލްކުރާ ފައިދާތަކަކީ އެއްވެސް އަސްލެއް އޮތް ކަމެއް ކަމަށް ސައިޓިފިކް ހެކިތަކުން ނުދައްކަ އެވެ. ސިއްހީ މާހިރުންގެ ދިރާސާތަކަށް ބަލާއިރު އެކަމަރު ވިއްކާ ފަރާތްތަކުން އެ ބުނާ ފައިދާތައް ވާ ކަމަކަށް ނުދައްކައެވެ.

ދިވެހި ރާއްޖޭގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ ޑޮކްޓަރު އުސާމާ އަލީ އުމަރު ވިދާޅުވީ ސިއްހީ ގޮތުން ރައްކާތެރިވުމަށް ގިނަ ދިވެހިންތަކެއް އެކަމަރު އެޅި ނަމަވެސް އެއީ އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ.
"މިހާތަނަކަށް އަޅުގަނޑަކަށް އެއްވެސް ވަރަކަށް ނުފެނޭ، އަދި ސިއްހީ ކަންކަން ދިރާސާ ކުރާ ބޮޑު އިދާރާއަކުން ޔަގީންކޮށްނުދޭ މީގެން ފައިދާވާ ކަމެއް. މިއީ މީހުން ގަބޫލް ކުރުމެއް،" ޑރ. އިސާމާ ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގެ އިތުރުން ބައިނަލްއަގުވާމީ ސިއްހީ އިދާރާއަކުންވެސް އެކަމަރު އެޅުމަށް ނާންގައެވެ. އެހެންކަމުން ސިއްހީ ހިދުމަތް ދޭ ތަނަކުން އެކަމަރު އެޅުމަށް ނާންގާއިރު ބޭސް ފިހާރަތަކުން ވިއްކައެއްވެސް ނޫޅެއެވެ. ސަބަބަކީ އެއީ އެއްވެސް އަސްލެއް އޮތް އަދި ފައިދާއެއްވާ އެއްޗެއްކަމަށް ދިރާސާތަކުން ނުދައްކާތީއެވެ.
ކޮންމެ އަކަސް ގިނަ ދިވެހިންތަކެއްގެ ވިސްނުން މިވަނީ ބަދަލު ކުރަންޖެހިފަ އެވެ. ސިއްހީ މާހިރުންގެ ލަފަޔަކީ ފުރިހަމަ ސިއްހަތެއް ހޯދުމަށް ގުނަވަނެއްގައި ކަމަރެއް އެޅުމުގެ ބަދަލުގައި ސިއްހީ ރަނގަޅު އާދަތަކަށް މީހާ އަށަގަތުމެވެ. އަދި ސިއްހީ މައްސަލައެއް ދިމާވުމުން ވެސް ކަމަރަކަށް ބަރޯސާނުވެ އަވަހަށް ފަރުވާ ހޯދަން އަވަސްވެ ގަންނަންޖެހެއެވެ.